04 Aug 2014, 11:59
ލ. ގަން ތުނޑި، ވުޑްލޭންޑް، އަހްމަދު ނިޒާރު މަރާލި މައްސަލައިގެ ޝަރީއަތް ލަސްވާތީ އޭނާގެ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސަންއާ ވާހަކަދައްކަމުން ނިޒާރުގެ ބައްޕަ ބުނީ ނިޒާރު މަރާލި ކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ ތިން މީހުންގެ ޝަރީއަތް ކުރިއަށްދާ ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ.
އޭނާ ބުނީ ކްރިމިނަލް ކޯޓަށް އެ މައްސަލަ ހުށަހެޅުނުތާ އެތަށް މަސް ދުވަހެއްވެފައި ވާއިރު ދައުވާ ރައްދުވާ މީހުން ޖަވާބުދާރީވުމަށް ބާއްވަންޖެހޭ ޝަރީއަތުގެ މަޖިލީސް ވެސް ބާއްވާފައި ނުވާ ކަމަށެވެ.
"ކިހާ ދުވަހެއްތޯ މިވަނީ އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅިފައި އޮންނަތާ. ދައުވާ ލިބޭ މީހުން ދައުވާއަށް ޖަވާބުދާރީވުމަށް ބާއްވަން ޖެހޭ ޝަރީއަތުގެ އަޑުއެހުން މިހާތަނަށް ބާއްވާފައެއް ނުވޭ. އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ ކްރިމިނަލް ކޯޓުން އެ އަމަލުކުރަމުންދާ ގޮތަށް. އަޅުގަނޑު އެ ކޯޓަށް ގޮވާލަން ތިހެން ނަހައްދަވާށޭ. އެ މައްސަލަ އަވަހަށް ނިންމަވައި ދެއްވާށޭ،" ނިޒާރުގެ ބައްޕަ ބުންޏެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ (15 ޖުލައި) ދަންވަރު 2:23 އެހައިކަންހާއިރު ގަމު ސިނާއީމަގުންދެކުނުން އުތުރަށް ދަނިކޮށް ގްރޫޕަކުން ހަމަލާދީ ނިޒާރު މަރާލިއިރު އޭނާގެ ކުޑަ ދެ ދަރިން ތިބެއެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ނާސަރީގައި ކިޔަވަމުން އަންނަ އިރު އަނެއް ކުއްޖާއަކީ ޔޫކޭޖީގައި ކިޔަވާ ކުއްޖެކެވެ.
ނިޒާރު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ލ. ގަން، މުކުރިމަގު، ދުނިފަރު، އަހްމަދު ޝުޖާއު،22، އާއި ހަމައެރަށު މުކުރިމަގު، ލައިޓްރޫމް، އަހްމަދު ސަބާހު،23، ގެ އިތުރުން މުކުރިމަގު، އަސްރަފީގޭ ހުސައިން ސާބިރު،22، ގެ މައްޗަށެވެ.
ނިޒާރުގެ ބައްޕަ ބުނީ ނިޒާރު މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށް ޖުވެނައިލް ކޯޓުގައި ދައުވާ އުފުލިފައިވާ ކުއްޖާގެ ޝަރީއަތް ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް ކްރިމިނަލް ކޯޓުން އަމަލުކުރަމުންދާ ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ.