04 Aug 2014, 10:06
ނ. ވެލިދޫ ނަހުޒާ ޕްރީ ސްކޫލުން ވަގަށް ނަގާފައިވާ ކޮމްޕިއުޓަރު ސިސްޓަމެއް ހޯދައި ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި ވެލިދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 35 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މި އޮގަސްޓް މަހުގެ ދެވަނަ ދުވަހު ވެލިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި ނަހުޒާ ޕްރީ ސްކޫލުން ވަގަށް ނަގާފައިވާ ކޮމްޕިއުޓަރު ސިސްޓަމްގެ މައުސް ފިޔަވައި އެހެނިހެން ތަކެތި ހޯދާފައި ވަނީ ވެލިދޫ ގެއެއްގެ ގުދަނެއްގެ ތެރޭގައި ފޮރުވާފައި ވަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.