04 Aug 2014, 09:54
ގާހިރާ (އޮގަސްޓް 4): އިސްރާއީލުން ހަތަރު ޝަރުތެއް ފުރިހަމަ ކުރުމުން ނޫނީ އިސްރާއީލާ ދެކޮޅަށްދޭ ރޮކެޓް ހަމަލާތައް ހުއްޓައިނުލުމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިން އެއްބަސްވެ އެކަން މިސްރަށް ހުށަހަޅައިފި އެވެ.
ހަމަލާތައް ހުއްޓާލުމާބެހޭ ގޮތުން ގާހިރާގައި ކުރިޔަށްދާ ވާހަކަތަކުގައި ބައިވެރިވާ ފަލަސްތީނުގެ ވަފްދުގެ މެންބަރަކު ވިދާޅުވީ މި ހަތަރު ޝަރުތަކީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމާއި ޣައްޒާއިން އިސްރާއީލު ސިފައިން ފޭބުމާއި ޣައިރު ގާނޫނީގޮތުން އިސްރާއީލު ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އަސީރުން މިނިވަންކުރުމުގެ އިތުރުން ޣައްޒާ އަލުން ބިނާކޮށް އާރާސްތު ކުރުމުގެ ފުރުސަތު ދިނުން ކަމަށާ މިކަން މިސްރު ސަރުކާރަށް ހުށަހަޅާފައިވާނެ ކަމުގައެވެ.
އިސްރާއީލުން ޣައްޒާ ގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ އުދުވާނީ ހަމަލާތަކަށް މަހެއްވާން ކައިރިވެފައި ވާއިރު އިސްރާއީލުގެ މަޤުޞަދުތައް ހާސިލް ނުވަނީސް ހަމަލާތައް ހުއްޓައިނުލާނެ ކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިސްރާއީލުގެ ސިފައިން ޣައްޒާގެ ގިނަ ސަރަހައްދުތަކުން މިހާރު ފައިބާފައިވާކަން އިސްރާއީލުގެ މީޑިޔާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.
ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފެށި ހަނގުރާމައާއި ގަތުލުއާންމުތަކުގެ މައިގަނޑު އަމާޒަކީ ހަމާސް ޖަމާއަތުގެ ރޮކެޓް ހަމަލާތައް ހުއްޓުވުން ކަމަށް އިސްރާއީލު ތަކުރާރުކޮށް ބުނި ނަމަވެސް މި މަގްސަދު ހާސިލް ކުރުމުގައި ވެސް އިސްރާއީލު ވަނީ ނުކުޅެދިފައެވެ. މިގޮތުން ހަމާސްގެ ބިންގަރާސް ތަކާއި އަސްކަރީ އިންފްރާސްޓްރަކްޗަރުގެ ބޮޑުބައެއް ހަލާކުކޮށްލާފައިވާ ކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ވިދާޅުވި ނަމަވެސް ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހަމަލާތައް ދޭން ފެށިއިރު ވެސް ދުވާލަކު ރޮކެޓް ފޮނުވަމުންދާ މިންވަރަށް މިހާރުވެސް ހަމާސުން ކޮންމެ ދުވަހަކު އިސްރާއީލަށް ރޮކެޓް ހަމަލާތައް ފޮނުވަމުން ގެންދާ ކަމަށް ޚަބަރުލިބެ އެވެ.
ހަމާސްގެ ރޮކެޓް ހަމަލާތައް ހުއްޓުވިފައި ނުވުމާއި އިސްރާއީލަށް ދޭ ރޮކެޓް ހަމަލާތަކުގެ އަދަދު ދަށަށް ނުދިޔުމަކީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފެށި އުދުވާން ނާކާމިޔާބުވެފައިވާ ކަމުގެ ހެއްކެއް ކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ (އަލްޖަޒީރާ)