އދ. މަޖިލިސް (އޮގަސްޓް 4): ޣައްޒާގެ ދެކުނުގެ ރަފްހުގައި ހުންނަ އދ. ގެ ސްކޫލަށް އިސްރާއީލުން އިއްޔެ ދިން ހަމަލާއަކީ ގަސްދުގައި އިސްރާއީލުން ހިންގި ޖަރީމާއެއް ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަން ކި މޫން ސިފަކުރައްވައިފި އެވެ.

އިސްރާއީލުން ހިންގި މިޖަރީމާ ކުށްވެރި ކުރައްވައި ދެއްވި ބަޔާނެއްގައި، މިޖަރީމާގެ ފަހަތުގައިވާ އިސްރާއީލުގެ މަސްއޫލުވެރިންގެ މައްސަލަ ބަލައި އެމީހުންގެ މައްޗަށް ޝަރީއަތް ހިންގަންޖެހޭނެ ކަމަށްވެސް ބަން ކި މޫން ވިދާޅުވި އެވެ.

ޣައްޒާގެ ރަފްހުގައި ހުންނަ އދ. ގެ ސްކޫލަށް އިސްރާއީލުން އިއްޔެ ހަމަލާދީ ހިންގި ގަތްލުއާންމުގައި ފަލަސްތީނުގެ 10 މީހުން ޝަހީދުކޮށްލައި އެތަށް ބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ. ފަލަސްތީނުގެ ރެފިއުޖީންނާބެހޭ އދ. ގެ އިދާރާ ކަމަށްވާ ޔޫއެންއާރުޑަބްލިޔުއޭ އެޖެންސީން ޣައްޒާގައި ހިންގާ ސްކޫލްތަކަށް އަމާޒުކޮށްގެން އިސްރާއީލު ދެމުންގެންދާ ސިލްސިލާ ހަމަލާތަކުގައި މީގެކުރިންވެސް އދ. ގެ ތިން ސްކޫލަކަށް ހަމަލާދީ ފަލަސްތީނުގެ 35 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލާފައި ވެއެވެ.

އިސްރާއީލުން މީގެކުރިން ހަމަލާދިން އދ. ގެ ސްކޫލްތަކުގެ ތެރޭގައި ޣައްޒާގެ ބައިތު ޙާނޫންގައިވާ ސްކޫލާއި ބައިތު ލާހިޔާގައިވާ ސްކޫލްގެ އިތުރުން ޖަބާލިޔާ ރެފިއުޖީ އަވަށުގައިވާ އދ. ގެ ސްކޫލްވެސް ހިމެނެއެވެ. ފަލަސްތީނުގެ ކުދިންނަށް ކިޔަވައިދިނުމަށް އދ. ން ޣައްޒާގައި ބިނާކޮށްފައިވާ ސްކޫލްތައް މިދުވަސްވަރު ބޭނުން ކުރަމުން ގެންދަނީ އިސްރާއީލުން ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ގަތްލުއާންމު ތަކާއި ހަނގުރާމައިގެ ޖަރީމާތަކުން ސަލާމަތްވުމަށް އަންނަ މީހުންނަށް ހިމާޔަތްދޭ ވަގުތީ ހިޔާވައްސެއްގެ ގޮތުގައެވެ. ނަމަވެސް މި ސްކޫލްތަކުގައި ތިބޭ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންވެސް ދަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި ގަތްލުއާންމުތަކުގައި ޝަހީދުވަމުންނެވެ.

އދ. ގެ މަސްއޫލުވެރިން އިއްޔެ ހާމަކުރެއްވި ގޮތުގައި ޣައްޒާގެ ދެކުނުގެ ރަފްހު ސިޓީގައި ހުންނަ ޔޫއެންއާރުޑަބްލިޔުއޭ ގެ ސްކޫލަށް އިސްރާއީލުން ހަމަލާދިނީ އެތަނަކީ އދ. ގެ ކޮންޓްރޯލް އޮންނަ އަދި ފަލަސްތީނުގެ މުޖާހިދުންގެ އެއްވެސް ވުޖޫދެއް ނެތް ސްކޫލެއްކަމާއި އެތަނުގައި މުޅިންވެސް ތިބީ ހަނގުރާމައިން ސަލާމަތްކަން ހޯދުމަށް އައިސްތިބި ރެފިއުޖީންކަން އެތަށް ފަހަރެއްގެ މަތިން އިސްރާއީލަށް އަންގާފައި ވަނިކޮށެވެ. އިސްރާއީލުން ބުނީ އެސްކޫލަށް ހަމަލާދީ 10 މީހުން މަރާލީ އެތަނުގެ ކައިރީގައި ފަލަސްތީނުގެ މުޖާހިދުން ހަރަކާތްތެރިވާ ކަމުގެ މަޢްލޫމާތު ލިބިގެންނެވެ.

ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ އަވަށުގައި ހުންނަ އދ. ގެ ސްކޫލަށް މީގެ ހަފްތާއެއްކުރިން އިސްރާއީލުން ހަމަލާދީ އެތަށް ބަޔަކު ޝަހީދުކޮށްލާފައި ވަނީވެސް އެތަނަކީ ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިން ތިބި ހިޔާވައްސެއް ކަމަށާއި އެތަނަށް ހަމަލާ ނުދިނުމަށް 11 ފަހަރު މަތިން އިސްރާއީލަށް އަންގާފައިވަނިކޮށް ކަމަށް އދ.ގެ މަސްއޫލުވެރިން ވިދާޅުވެފައި ވެއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް ބަން ކި މޫން ވިދާޅުވީ އިސްރާއީލުގެ މި ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތައް ކަމަށް ބެލެވޭނެ ކަމުގައެވެ. އަދި މިފަދަ ޖަރީމާތަކުގެ ސަބަބުން އަޚްލާގީ ގޮތުން އިސްރާއީލު ފަޟީހަތް ވެގެންދާނެ ކަމަށްވެސް ބަން ކި މޫން ވިދާޅުވި އެވެ.

ޣައްޒާގެ ރަފްހުގައި ހުންނަ އދ. ގެ ސްކޫލަށް ދިން ހަމަލާތަކާއި ޣައްޒާގެ މަދަނީ އެހެން ތަންތަނަށް އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުގައި ފަލަސްތީނުގެ 80 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލައި 150 އަށްވުރެ ގިނަމީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނެފައި ވެއެވެ. (އަލްޖަޒީރާ)