04 Aug 2014, 02:11
ނިމިދިޔަ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ހޮލެންޑް ޓީމުގެ ކުރީގެ ކޯޗު ލުއިސް ވެން ހާލް ގެންގުޅުނު މިކްސިން ސްޓައިލަކީ ވަރަށް ކާމިޔާބު ސްޓައިލެއް ކަމަށް އެ ޓީމާ އަލަށް ހަވާލުވި ކޯޗު ގޫސް ހިޑިންކް ބުނެފި އެވެ.
މަގާމާ ހަވާލުވުމަށްފަހު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ހިޑިންކް ބުނީ ވެންހާލް ގެންގުޅުނު ސްޓައިލްގެ ކާމިޔާބުކަން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުން އެނގިގެން ދިޔަ ކަމަށެވެ. އަދި ހަމަ އެސްޓައިލަށް ޓީމް ލައްވައި ކުޅުވަން މަސައްކަތް ކުރާނެ ކަހަލަ އިޝާރާތެއް ވެސް ހިޑިންކް ވަނީ ދީފަ އެވެ.
"މުޅި ޓީމް މިއޮތީ ބްރެޒިލްގަ ވަރަށް މޮޅަށް ކުޅެ ރަނގަޅު ނަތީޖާއެއް ނެރެފަ. އެއީ މިވަގުތަށް ބަލާއިރު ހޮޔޮފާލެއް،" ހޮލެންޑްގެ އެންމެ ކާމިޔާބު އެއް ކޯޗު ހިޑިންކް ބުންޏެވެ. "އެ ޕްލޭންތަކާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ކުރަމުން ގެންދާނަން،"
ހޮލެންޑްގެ ކޯޗުކަމަށް ހިޑްންކް ހަމަޖައްސާފައި ވަނީ ނިމިދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ހޮލެންޑްގެ ކޯޗަކަށް ހުރި ވެން ހާލް ގައުމީ ޓީމުން އިސްތިއުފާދީ މެންޗެސްޓާ ޔުނައިޓެޑާ ހަވާލު ވުމުންނެވެ. ވެން ހާލްގެ ކޯޗުކަމުގެ ދަށުން ވޯލްޑްކަޕްގައި ހޮލެންޑުން ވަނީ ތިންވަނަ ހޯދައިފަ އެވެ.
ހިޑިންކްގެ ވިސްނުން ހުރީ ހޮލެންޑް ޓީމަށް ކުޅުންތެރިން ނެގުމުގައި ވެން ހާލް ބޭނުންކުރި ގޮތްތަކަށް މާބޮޑު ބަދަލުތަކެއް ނުގެނެސް އެއް އުސޫލެއް ހިފަހައްޓާށެވެ. ވެން ހާލް ވަނީ ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިންނާ ހިމެނުނު މިކްސް ޓީމަކާއެކު ކާމިޔާބުތަކެއް ހާސިލު ކޮށްފައެވެ.
ހިޑިންކްގެ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރާނީ ކުރިން ހޮލެންޑް އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައިވާ ރޫޑް ވެން ނެސްޓެލްރޫއީ އާއި ވެންހާލްގެ ވެސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި އެއް ކޯޗެއް ކަމަށްވާ ޑެނީ ބްލިންޑެވެ.
ހޮލެންޑްގެ ގައުމީ ޓީމަށް ހިޑިންކް އިރުޝާދުދޭ ފުރަތަމަ މެޗަކަށް ވެގެންދާނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ޔޫރޯ ކޮލިފައިންގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅޭ މެޗެވެ.
ހޮލެންޑްގެ ކޯޗެއްގެ ގޮތުގައި ހިޑިންކް ފުރަތަމަ ހަވާލުވެފައި ވަނީ 1998 ވަނަ އަހަރު އެވެ. އެ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ވަނީ އެ ޓީމަށް ހަތަރުވަނަ މަގާމް ހޯދައިދީފަ އެވެ.
ހިޑިންކް ވަނީ އަޔެކްސްގެ ޓީމަށް ހޮލެންޑްގެ ލީގް ހަ ފަހަރު އަދި ލީގު ކަޕް ހަތަރު ފަހަރު ހޯދައިދީފަ އެވެ. ރެއާލް މެޑްރިޑް އަދި ޗެލްސީއަށް ވެސް ކާމިޔާބީތެކެއް ހޯދައިދީފައިވާ ހިޑިންކް ވަނީ 2002 ވަނަ އަހަރު ދެކުނު ކޮރެޔާ އަދި 2006 ވަނަ އަހަރު އޮސްޓްރޭލިޔާ ގޮވައިގެން ނުކުމެ އެ ދެ ގައުމަށް ވެސް މިހާތަނަށް ވޯލްޑް ކަޕެއްގައި ހޯދިފައި ނުވާވަރުގެ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.