04 Aug 2014, 01:19
ދިރާގު ދިވެހި ލީގުގައި މިރެއަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ބޮޑު ރެއެކެވެ. ފާއިތުވި ދެ އަހަރުގެ ލީގް ޗެމްޕިއަން އަތުން މިރޭ 1-0 ލަނޑުން މާޒިޔާ އަލަށް މޮޅުވިއިރު، ލީގުގެ ފުރަތަމަ ބުރު މާޒިޔާއިން މިރޭ ނިންމާލީ އެއް ވަނަ މަގާމު ހޯދައިގެންނެވެ. މިކާމިޔާބީއާއެކު މާޒިޔާގެ ހެޑް ކޯޗް އަލީ ސުޒޭން ވަނީ އެ ކުލަބުގެ ތާރީހުގެ ސޮފްހާތަކުން ޖާގައެއް ހޯދައިފަ އެވެ.
މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު މާޒިޔާގެ ހެޑް ކޯޗް ކަމާ ސުޒޭން ހަވާލުވި ފަހުން، ލީގް ގައި މާޒިޔާ މިހާތަނަށް ކުޅުނު އެއް ވެސް މެޗަކުން އަދި ބަލިވެފައެއް ނުވެ އެވެ. އެއީ ވެސް ސުޒޭނަށް ލިބުނު ކާމިޔާބީއެކެވެ. އަދި މާޒިޔާގެ ކޯޗް ކަމާ ހަވާލުވި ފުރަތަމަ ދުވަހު ވެސް ކޯޗް ސުޒޭން ބުނީ މާޒިޔާއަކީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ކްލަބު ކަމަށާއި އެ ކްލަބާއެކު ރަނގަޅު ކާމިޔާބީތަކެއް ހޯދޭނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ. މިއީ ލީގުގެ މެޗަކުން ނިއުރޭޑިއަންޓް 2011 ވަނަ އަހަރުގެ ފަހުން ބަލިވި ފުރަތަމަ ފަހަރެވެ.
ނިއު އިން ވަނީ ސީޒަން ހުޅުވި، ޗެރިޓީ ޝިލްޑު މެޗުގައި މާޒިޔާ އަތުން 3-1 އިން މޮޅުވެފަ އެވެ. އެކަމަކު އޭރު ކޯޗަކަށް ހުރީ އިސްމާއިލް މަހެފޫޒް (އިންމަ) އެވެ.
މިރޭގެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗް ސުޒޭން ބުނީ، ނިއު އަތުން ލިބުނު ކާމިޔާބީއަކީ މުޅި ޓީމަށް ލިބުނު ކާމިޔާބީއެއް ކަމަށާއި އެ ކާމިޔާބީއާއެކު ލީގުގެ ދެ ވަނަ ބުރުގައި ހަމަ ނިއުއާ ދެކޮޅަށް ކުޅޭ މެޗުން ކާމިޔާބު ހޯދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި މެޗުގައި މާޒިޔާގެ ކުޅުންތެރިންގެ ފަރާތުން ދެއްކި ކުޅުމާ މެދު ހިތް ހަމަޖެހޭ ކަމަށް ވެސް ސުޒޭން ބުންޏެވެ.
"ދެން އޮތީ ދެ ވަނަ ބުރު. ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ނުކުންނަން ޖެހެނީ ހަމަ ނިއުއާ ދެކޮޅަށް. އެމެޗުގައި ހުނަރުވެރި މިޑްފީލްޑަރު ބަކާ ކުޅޭނެ. މިރޭގެ މެޗުގައި ކީޕަރު އިމާރާން ދެއްކި ކުޅުން ވަރަށް ފާހަގަ ކުރެވޭ. މިކާމިޔާބީއަކީ މާޒިޔާގެ ދިގު ތާރީހަށް ލިބުނު ކާމިޔާބީއެއް،" ސުޒޭން ބުންޏެވެ.
މިރޭގެ މި މޮޅާއެކު މާޒިޔާ ލީގުގެ ފުރަތަމަ ބުރު ނިންމާލީ ލީގުގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމް ލީގުގެ އެއްވަަނައިގައި އޮތީ 19 ޕޮއިންޓާއެކީގަ އެވެ. ލީގުގެ ދެވަނައިގައި 18 ޕޮއިންޓާއެކީ އޮތީ މިރޭ މާޒިޔާ އަތުން ބަލިވި ނިއު އެވެ. ތިންވަނައިގައި 15 ޕޮއިންޓާއެކީ އީގަލްސް އޮތްއިރު 10 ޕޮއިންޓާއެކީ ވިކްޓްރީ އޮތީ ހަތަރުވަނާގަ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރީތި ކުޅުމެއް ނުފެނު ނު ކަމުގައި ވިޔަސް، މެޗުގެ ފުރަތަމަ ލީޑް ނެގުމަށް ނިއުއަށް ރީތި ބޯޅައެއް ލިބުނެވެ. ނިއުގެ މިޑްފިލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އަށް މެޗް ފެށިތަނާ ކަހަލަ ގޮތަކަށް ލިބުނު އެ ފުރުސަތު އޭނަ ވަނީ ބޭކާރު ކޮށްލާފަ އެވެ. ބޮންޑާ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަޑިމަތިން ބޭރަށެވެ.
ނިއުއިން މާޒިޔާ ކޮޅަށް މާވަރުގަދަ، ހަމަލާތަކެއް ނުއުފެއްދި އުޅެނިކޮށް މެޗުގެ 18 ވަނަ މިނެޓުގައި ނިއުގެ ކުޅުންތެރިން ރޮއްވާލީ މާޒިޔާގެ ބޭރު ފޯވާޑް ނައުމޯވްއަށް ވަނީ ގޯލް ޖަހާ މެޗުގެ ލިޑް ނެގުމުންނެވެ. އެ ގޯލް އޭނަ ޖެހީ ނާޝިދު ދިން ޕާހަކުން ޕެނަލްޓީއޭރިޔާ ތެރޭގައި ހުރެ ގޯލްގެ އެއް ކަނަކަށެވެ.
މެޗުގެ ދެވަނަ ހާފްގައި މާޒިޔާއަށް ވަނީ ނަތީޖާ ފުޅާކޮށްލަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް އައްސަދު އަލީ (އަޑުބަރޭ) ހުހަށް އޮވެ ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދާގަޑަށެވެ. އަދި މި މެޗުގެ ދެ ވަނަ ހާފުގައި ކެޕްޓަން އައްސަދުﷲ އަބްދުﷲގެ ބަދަލުގައި ކުޅެން ނިކުތް އިބްރާހިމް ޝިޔާމް (ދޮނާ) އަށް ވެސް ވަނީ ލަނޑު ޖަހާ މެޗުގެ ލީޑް ފުޅާ ކުރުމަށް ރަނުގެ ދެ ފުރުޞަތު ލިބި ބޭކާރުވެފަ އެވެ. އެގޮތުން ދޮނާއަށް ލަނޑު ޖަހަން މެޗުގެ 81 ވަނަ މިނެޓުގައި ލިބުނު ފުރުޞަތުގައި އޭނައަށް ޖެހުނީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މި މެޗުގައި ނިއުއަށް ނަތީޖާ ހަމަހަމަ ކޮށްލުމަށް މެޗުގެ 88 ވަނަ މިނެޓުގައި މުހައްމަދު އުމައިރުއަށް ލިބުނު ފުރުޞަތު ފާހަގަ ކޮށްލެވުނެވެ. ނަމަވެސް މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި މާޒިޔާގެ ކީޕަރު ވަނީ އުމެއިރު ފޮނުވާލި ބާރު ބޯޅަ ދިފާއު ކޮށްފަ އެވެ.
މިރޭގެ މެޗަށްފަހު ނިއުގެ މެނޭޖަރު ވިޝާމް ބުނީ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން ޖުމްލަކޮށް ރަނގަޅު ކަމަށާއި ލީގުގެ ދެވަނަ ބުރުގައި މިރޭގެ މެޗުން ހެދުނު ގޯސްތަށް ރަނގަޅު ކުރާނެ ކަމަށެވެ. އަދި ލޯކަލް މުބާރާތެއްގައި މިހާ ގިނަ ދުވަހަށްފަހު ބަލިވުމުން ދެން އޮންނަ މެޗަށް ޓީމު އެކުލަވާލުމަށް އުނދަގޫ ނުވާނެ ކަމަށާއި މިފަހަރުގެ ލީގު ވެސް ކާމިޔާބު ކުރާނީ ނިއުރޭޑިއަންޓް ކަމަށް ތަކުރާރުކޮށް ވިޝާމް ބުންޏެވެ.