މާފަންނު ޖަންބު މަގުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި އެވެ.

ފުލުހުން ބުނީ އަލިފާން ރޯވީ މ. ގަދަކޯޅިމާގޭގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުގެ މަސައްކަތުން އެ ގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ބައި ގަޑިއެއްހާއިރު ތެރޭގަ އެވެ.

ގަދަކޯޅިމާގޭގެ ފުރަތަމަ ފަންގިފިލާގައި ރޯވެ، ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔަކު ބުނީ އަލިފާން ރޯވި ގެއިން "ވަރަށް ގަދަޔަށް" ދުން އެރި ކަމަށާއި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި އެ ގޭގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން އެތެރެއަށް ސިފައިން ފެންޖަހާފައިވާ ކަމަށެވެ.

ހަ ބުރިއަށް ނަގާފައިވާ ގަދަކޯޅިމާގޭގެ ތިރީގައި ހިންގަނީ ކެފޭ އެވެ. އަދި ފުރަތަމަ ފަންގިފިލާއަކީ ދުވަހު ކުއްޔަށް ކޮޓަރީ ދޫކުރާ ގެސްޓް ހައުސްއެކެވެ. އަލިފާން ރޯވެފައި ވަނީ ފުރަތަމަ ފަންގިފިލާގަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

އެގޭގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ގަދަކޯޅިމާގޭގެ ފުރަތަމަ ފަންގިފިލާގައި ރޯވެ، ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި-- ސަން ފޮޓޯ/ އަހުމަދު ޝަރުވާން