ކުރިން ވެސް ކަނޑައަޅާފައިވާ ތާރީހުގައި އައްޑޫ ސިޓީ ކައުންސިލް އިންތިޚާބު، އައްޑޫ ސިޓީގައި ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަނުން މިރޭ ނެރުނު ޢިޢުލާނެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން އެގޮތަށް ނިންމީ ރައީސުލް ޖުމްހޫރިއްޔާ އައްޑު އަތޮޅަށް ސިޓީއެއްގެ ދަރަޖަ ދެއްވައި. އެ ސިޓީއަށް ސިޓީ ކައުންސިލެއް އުފެއްދުމާ ގުޅިގެން އަމިއްލަ ފަރާތަކުން ސިވިލް ކޯޓުގައި ކުރި ދަޢުވާގެ ޝަރީޢަތުގައި ސިވިލް ކޯޓުން މިމަހުގެ 9 ވަނަ ދުވަހު އައްޑޫ ސިޓީ އާއި އަދި އެ ސިޓީ ކައުންސިލާ ގުޅޭ ގޮތުން ކުރި ހުކުމާ ގުޅިގެން، ބާތިލް ނުކުތާއާ ބެހޭ ޝަރުތުތައް ފުރިހަމަކޮށް އެ ކައުންސިލް އުފައްދާފައިވާކަން މިމަހުގެ 10 ވަނަ ދުވަހު ރައީސްސުލް ޖުމްހޫރިއްޔާ ބަޔާންކުރައްވާފައިވާތީ ކަމަށެވެ. އަދި އައްޑު އަތޮޅުގައި ސިޓީ ކައުންސިލެއްގެ އިންތިޚާބެއް ފިޔަވައި އެހެން އިންތިޚާބެއް ގާނޫނުގައިވާ ގޮތަށް ބޭއްވެން ނެތީމަ ކަމަށް ވެސް އިލެކްޝަނުގެ އިޢުލާންގައިވެ އެވެ.
އިލެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ ކޮމިޝަނުން އެގޮތަށް ނިންމާފައި ވަނީ މިރޭ ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީން ޝަރުތުތައް ކަނޑައަޅާފައިނުވާތީ އައްޑޫ ސިޓީ ކައުންސިލް ހެދުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން ކަނޑައަޅައި ހުކުމް ކުރީ މިމަހުގެ ނުވަވަނަ ވަނަ ދުވަހު އެވެ. ނަމަވެސް އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ލިބުމުގެ ޝަރުތުތައް ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައެޅުމުން އަނެއްކާ ވެސް އައްޑޫއަކީ ސިޓީ ކައުންސިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފަ އެވެ.

ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ ހިދުމަތްތަކާއި އުފެއްދުންތެރިކަމުގެ މިންގަނޑުތައް ލޯކަލް ގަވާންމަންޓް އޮތޯރިޓީން އިއުލާންގައި ބުނަނީ ދިވެހި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގާނޫނުގެ ދަށުން އައްޑު އަތޮޅުގެ ހުޅުދޫ، މީދޫ، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ހިމެނޭ ގޮތަށް މީހުން ދިރިއުޅޭ އެ ފަސް ރަށަކީ އެއް ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ "އައްޑޫ"ގައި ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ގެ ޖަދުވަލު 2 ގައި ބުނާ އެންމެހައި މިންގަނޑުތަކާއި ޝަރުޠުތައް ފުރިހަމަވާތީވެ، އައްޑު އަތޮޅަކީ ރަށެއް ކަމަށާއި އެއީ ސިޓީއެއް ކަމަށެވެ.

އެހެން ނަމަވެސް ލޯކަލް ގަވަމަންޓް އޮތޯރިޓީ އަށް ރައީސް އައްޔަން ކުރެއްވި ވަޒީރު، ހޯމް މިނިސްޓަރު ހަސަން އަފީފު އެކަނި ހުންނަވައިގެން ކަނޑައެޅުއްވި ޝަރުތުތަކަށް ބުރަވެ އައްޑޫއަކީ ސިޓީ ކައުންސިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ކަނޑަނޭޅުއްވެވޭނެ ގައުމީ ޕާޓީން ވަނީ ބުނެފަ އެވެ.

އައްޑޫއަކީ ސިޓީ ކައުންސިލެއް ކަމަށް ދެ ވަނަ ފަހަރަށް ސަރުކާރުން ނިންމި ނިންމުމަށް އަމަލު ކުރާނަމަ ވެސް މިހާރު ކަނޑައަޅާފައިވާ މުއްދަތުގައި އެ އަތޮޅުގައި އެ އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.