އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ފައިނަލަށް ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމާއި ވިދުވަރު ދަތުރު ކޮށްފި އެވެ.

ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ފީއަލީ ފައިނަލަށް ދަތުރު ކުރީ އައިލެންޑް އާއި ބައްދަލުކޮށް 37 ލަނޑު ހަތް ފޯލިން މެޗް ކާމިޔާބު ކޮށްގެންނެވެ. މިއަދު ހަވީރު ކުޅުނު ސެމީގެ ދެ ވަނަ މެޗުގައި ވިދުވަރު ޓީމް ފައިނަލުން ޖާގަ ހޯދީ އދ. ކުނބުރުދޫ ބަށި ޓީމާ ވާދަކޮށް 34 ލަނޑު 11 ފޯލިން މެޗް ކާމިޔާބު ކޮށްގެންނެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:00ގަ އެވެ. އަދި މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި މާދަމާ ހެދުނު 7:00ގައި ބައްދަލު ކުރާ ދެ ޓީމަކީ ސެމީ ފައިނަލް މެޗްތަކުން މިއަދު ބަލިވި ރިއަލްއައިލެންޑާއި ކުނބުރުދޫ ބަށި ޓީމެވެ.

މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނީ، ސެމީ ފައިނަލްގެ މެޗްތައް ނިމި ފައިނަލްގައި ވާދަކުރާ ދެ ޓީމް މިއަދު ކަށަވަރު ވެފައި ވާއިރު، ބަށީގެ ރާނީގެ މަގާމަށް ވާދަ ކުރާ ތިން ކުޅުންތެރިންގެ ތެރޭގައި މި ވަގުތައް އަދި ހިމެނެނީ 816 ޕޮއިންޓް ހޯދާފައިވާ ކުރިނބީ ޓީމުގެ އައިޝަތު ޝަބާނާ އާއި 778 ޕޮއިންޓް ހޯދައިފައިވާ ރިއަލް އައިލެންޑްގެ އައިޝަތު މިންހާ އަދި 676 ޕޮއިންޓް ހޯދައިފައިވާ ފީއަލީ ޓީމުގެ އައިޝަތު ޖަމީލާ އެވެ.

މި މުބާރާތުގައި ޖުމްލަ 16 ޓީމަކުން ބައިވެރިވެފައިވާ އިރު، ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.