ރޯދަ ވީއްލައިގެން ސިނގިރެޓެއް ބޯލަން ޖޯލިފައްޗެއްގައި އޮއްވާ މެޔަށް ވަޅި ހަރައި މިދިޔަ ބުރާސްފަތި ދުވަހު ކ. ތުލުސްދޫގައި މަރާލި އެ ރަށު ބިޖިލީއުފާ، އަލީ ޝިހާމް، މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާ ކުރުމަށް މި ހަފްތާގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މިއީ މަރުގެ މައްސަލައެއްގެ ތަހުގީގު ހަފްތާއެއްގެ ތެރޭގައި ނިންމާލައި ޕީޖީއަށް ހުށަހަޅާ ދެ ވަނަ ފަހަރެވެ. ޖޫން 22، 2010 ގައި ކުރީގެ ފިރިމީހާ ގަޔަށް ވަޅި ހަރައި މަރާލި ކަމަށް އިއުތިރާފުވުމުން ހ. ބައިކަނޑިގޭ މަރިޔަމް ނަޒާހާގެ މައްޗަށް ޝަރީއަތް ފެށީގެން މަރުގެ މައްސަލައަށް ހަފްތާއެއް ނުވަނީހެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިނިސްޕެކްޓަރު އަބްދުﷲ ޝަތީހު ވިދާޅުވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރެއިން ފެށިގެން ފުލުހުންގެ ތަހުގީގު ޓީމް މިހާރު ވެސް ތުލުސްދޫގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ރަށުގައި ކުރަން ޖެހޭ މަސައްކަތްތައް މިއަދަށް ނިންމާލެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ މައްސަލައާ ގުޅުން ހުރި ހެކިތައް އެއްކޮށް ނަގަންޖެހޭ ބަޔާންތައް ނެގުމުގެ މަސައްކަތް ކަމަށާއި ތަހުގީގުގެ ވަރަށް ބޮޑު ބައި މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

"އަދިވެސް އެ ޓީމް ތުލުސްދޫގައި ހަރަކާތްތެރި ވަނީ އެ މައްސަލައާ ގުޅުންހުރި، ވަށައިގެން ހުރި ހެކިތައް އެއްކޮށް ނަގަންޖެހޭ ބަޔާންތައް ނެގުމުގެ މަސައްކަތް ކުރަމުން ދަނީ. މިއަދު މަސައްކަތް ނިންމާފަ މާދަމާ މާލެ އަންނާނެ. އުންމީދު ކުރަނީ މި ހަފްތާގެ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވާނެ،" ޝަތީހު ވިދާޅުވި އެވެ.

ވަޅިން ހަމަލާދީ ޝިހާމް މަރާލި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ކ. ތުލުސްދޫ، ރެޑްރޯސް މުހައްމަދު ނިޔާޒު، 34، އެވެ. އޭނާ ހައްޔަރު ކުރީ ކުށަށް އިއުތިރާފުވެ އަމިއްލައަށް ފުލުހުންގެ ބެލުމުގެދަށަށް ދިޔުމުންނެވެ.