ހުނޅަގު އެފްރިކާގެ ބައެއް ގައުމުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ހުމުގެ ރޯގާއިން ރައްކާތެރިވުމަށް ރާއްޖޭގެ ރައްޔިތުންނަށް ހެލްތް މިނިސްޓްރީއިން އިލްތިމާސްކޮށްފި އެވެ.

އެ މިނިސްޓްރީއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ބައްޔަކީ ބަލިޖެހިފައިވާ މީހެއް ނުވަތަ ޖަނަވާރެއްގެ ލޭ ނުވަތަ ހަށިގަނޑުގައި އުފެދޭ ދިޔައެއްގެ ސަބަބުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ އިންޖެކްޝަން ކަށި ފަދަ އެއްޗެއްގެ ޒަރީއާއިން އެކަކު ގައިން އަނެކަކުގެ ގަޔަށް ފަސޭހަކަމާއިއެކު އަރާ ބައްޔެއް ކަމަށެވެ. އަދި ހަމައެހެންމެ އެ ބަލި ފެތުރެމުންދާ އެހެނިހެން ގޮތްތައް ހުރެދާނެ ކަމަށް ލަފާކުރޭ ކަމަށާއި އެކަމާއިބެހޭ ދިރާސާތައްކޮށް، ވައިގެ ޒަރީރާއިން އެ ބަލި ފެތުރިދާނެކަމުގެ ފުރުސަތު އޮތް ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިޔްއެޗްއޯ އިން ބުނާ ކަމަށް ބުނެފައިވެ އެވެ.

"ޢާއްމުގޮތެއްގައި މި ބަލީގެ ވައިރަސް މީހެއްގެ ގަޔަށް ވާސިލްވާތާ ދެ ދުވަހާއި 21 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނާނެ ކަމުގައި ޑަބްލިޔްއެޗްއޯ އިން ހާމަކުރޭ. މިބަލީގެ ފުރަތަމަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ވަރުދެރަވުން، ބޮލުގައި ރިއްސުން، މޭނުބައި ކުރުން އަދި ކަރުގައި ރިއްސުން ހިމެނޭ. މިބަލީގެ ސަބަބުން ހަށިގަނޑުގެ އެހެނިހެން ގުނަވަންތައް ހަލާކުވެގެން ދިއުމާއި، މިބަލީގައި މީހުން މަރުވާ ނިސްބަތް މަތި" ހެލްތް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމިނިސްޓްރީއިން އިތުރަށް ބުނީ އެބޯލާ ހުމުގެ ރޯގާގެ ބަލިތައް އެފްރިކާގެ ގައުމުތަކުން ފެންނަމުންދާތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެރޯގާ އެއްޤައުމުން އަނެއް ގައުމަށް ފެތުރިފައިވުމާއެކު މި ބައްޔަށް ދޭންޖެހޭ ސަމާލުކަން މިއަދު ވަނީ ބޮޑުވެފައި ކަމަށެވެ.

"މިބަލިން ރައްކާތެރިވުމަށްޓަކައި އެފަދަ ޤައުމުތަކުން އަންނަ މީހުން ރައްޖޭގެ ބައިނަލްއަޤުވާމީ ޕޯޓްތަކުން އިމިގްރޭޝަންއާ ގުޅިގެން ހޯދާ ފޮލޯއަޕް ކުރުމާ އަދި ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަނަށް މިބައްޔަށް ފަރުވާދޭ ގޮތުގެ ގައިޑްލައިން އާ އަދި އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ ގައިޑްލައިންތައް ހެލްތު ޕްރޮޓެކްޝަން އޭޖަންސީއިން މިހާރު ދަަނީ ފޯރުކޮށްދެމުން" ހެލްތް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.