އިޓަލީގެ އެސީ މިލާނަށް ކުޅެމުން އަންނަ މާރިއޯ ބަލޮޓެލީއަށް ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ލިވަޕޫލްއިން ބަލޮޓެލީ ހޯދުމަށް 14 މިލިއަން ޕައުންޑް ހުށަހަޅާނެ ކަމަށް ބައެއް މީޑިއާތަކުން މައަލޫމާތު ދެއެވެ. އަދި މިއީ ބަލޮޓެލީ މިހާރު ކުޅެމުން އަންނަ ކުލަބް އޭސީ މިލާނުން ބަލައިގަންނަ އެންމެ ދަށް އަގެވެ. ލިވަޕޫލްގެ ކޯޗު ރޮޖާސް ވަނީ ބަލޮޓެލީ އަކީ އެނާގެ ފޭންއެއް ކަމަށް ބުނެ ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.

ލިވަޕޫލްގެ ކޯޗު ރޮޖާސް ބުނެފައި ވަނީ ބަލޮޓެލީގެ ޅަ އުމުރުގަ އިންޓަ މިލާނަށް ކުޅުނުއިރު އެނާގެ ކުޅުން ފެނިފައިވާ ކަމަށެވެ. އަދި މެންޗެސްޓާ ސިޓީއަށް ބަލޮޓެލީ ކުޅުނުއިރު އެނާގެ ކުޅުން ވަރަށް ކައިރިން ބަލަމުން ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެން ގަޔާވާ ހުރިހާ ކޮލިޓީއެއް އެނާގެ ފަރާތުން ފެނޭ،" ލިވަޕޫލްގެ ކޯޗު ބްރެއިން ރޮޖާސް ބުންޏެވެ. "ބަލޮޓެލީ އަކީ އަދިވެސް ޒުވާން ކުޅުންތެރިއެއް. އަދި އޭނާއަކީ ގޯލާއި ރައްޓެހި ކުޅުންތެރިއެއް،"

ބަލޮޓެލީ އަކީ މިސީޒަންގަ އިނގިރޭސި ކުލަބް އާސެނަލްއިން ގެންނަށް މަސައްކަތް ކުރި ކުޅުންތެރިއެކެވެ. ލިވަޕޫލައަށް ކުޅެމުންދިޔަ ލުއިސް ސުވަރޭޒް ބާސެލޯނާއަށް ވިއްކާލުމަށް ފަހު އެކުލަބުން ދަނީ ރަނގަޅު ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ލިވަޕޫލްއިން ބަލޮޓެލީއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު، މިލާނުގެ ސީއީއޯ އެޑްރިއާނޯ ގަލިއާނީ ވަނީ ބަލޮޓެލީ އަކީ ވިއްކާ ކުޅުންތެރިއެއް ނޫންކަން އިއުލާންކޮށްފަ އެވެ.

ބަލޮޓެލީ ވަނީ 2010ވަނަ އަހަރު 21.08 މިލިއަން ޕައުންޑަށް މެންޗެސްޓާ ސިޓީއަށް ގުޅި އެކުލަބަށް 54 މެޗް ކުޅެ 20 ގޯލް ޖަހައިފަ އެވެ. މެންޗެސްޓާ ސިޓީ ދޫކޮށް އޭނާ މިލާނާ ގުޅުނީ މިދިޔަ ސީޒަނުގައެވެ.