ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުންދާ ޗެލްސީގެ އުނިވެފައިވާ ބަޔަކީ ދާދި ފަހުން އެކްލަބާ ގުޅުނު ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް ކަމަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އަންނަ ސީޒަނަށް ޗެލްސީ ވަރުގަދަ ކުރުމުގެ ގޮތުން އެކްލަބަށް ވަނީ ފެބްރިގާސްގެ އިތުރުން ޑިއޭގޯ ކޮސްޓާ އާއި ޑިޑިއާ ޑްރޮގްބާ އަދި ފިލިޕޭ ލުއިސް ގެނެސްފަ އެވެ. މިހާތަނަށް އެކްލަބުން ވަކިވި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޑޭވިޑް ލުއިޒް އާއި އޭޝްލީ ކޯލް އާއި ފްރޭންކް ލަމްޕާޑު އަދި ރޮމެލޫ ލުކާކޫ އެވެ.

މޮރީނިއޯ ގަބޫލުކުރާ ގޮތުގައި، މިދިޔަ ސީޒަނުގައި ޗެލްސީއަށް އުނިކަން ލިބުނު ކަމަކީ އާސެނަލްގެ ކުރީގެ ކެޕްޓަން ނެތުމެވެ.

"އޭނާއަކީ ނަންބަރު އަށެއް ނޫނީ ނަންބަރު ދިހައެއްގެ މަގާމަށް ވެސް ކުޅެވޭނެ ކުޅުންތެރިއެއް. އޭގެ އިތުރުން ފެބްރިގާސްއަކީ ޕްރިމިއާ ލީގުގެ ތަޖުރިބާ ހުރި ކުޅުންތެރިއެއް،" ނޫސްވެރިންނަށް މައުލޫމާތު ދެމުން މޮރީނިއޯ ބުންޏެވެ. "އޭނާ ހިމެނެނީ ބިދޭސީ ކުޅުންތެރިންގެ ލިސްޓަކު ނޫން. އޭނާއަށް ކޮންމެ މަގާމަކަށް ވެސް ކުޅެވިދާނެ. ފެބްރިގާސްގެ އެންމެ ބޮޑު ފައިދާއަކީ އޭނާއަކީ ސްޕީޑް އަވަސް ކުޅުންތެރިއަކަށް ވުން."

މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ޗެލްސީއިން ނިންމާލީ ތިން ވަނައިގައި އޮވެ އެވެ. މިދިޔަ ސީޒަން ނިމުނު އިރު، ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޗެލްސީއާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ.