މިހާރު މާލޭގައި ހިނގާ ސިލްސިލާ މާރާމާރީތަކަކީ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގައިދިޔަ ހަމަނުޖެހުމަކާ ގުޅިގެން، ބަދަލު ހިފުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޓް، ޗީފް އިނިސްޕެކްޓަރު އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ ސިލްސިލާ މާރާމާރީތަކަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ހިނގާ ކަމެއް ކަމަށެވެ.

"މައުލޫމާތު ލިބިފައިވާގޮތުގައި މިއީ ދެ ބައެއްގެ ދެމެދުގައި ހިނގައިދިޔަ ހަމަނުޖެހުމަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ހިނގަމުން އައި މާރާމާރީތަކެއް. ރަޟާންމަހު އެކަން ނުހިނގާ ކޮންޓްރޯލް ކުރެވިފައި އޮތީ ފުލުހުން ރަމަޟާން މަހު ވެސް ޚާއްސަ މަސައްކަތްތަކެއް ކުރި ކުށްތައް މަދުކުރުމަށްޓަކައި އޭގެ ނަތީޖާއެއްގެ ގޮތުން،" ޝަތީހު ވިދާޅުވި އެވެ.

ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ހެޑް، އިސްމާއީލް ނަވީން ވިދާޅުވީ މާލޭގެ ހުސްބިންތަކާއި ގަސްތައް ބަލައި ފާސްކޮށް ތޫނު ހަތިތާރުތަކެއް ހޯދާފައިވާ ކަމަށެވެ. އަދި މީގެ ކުރިން ފުލުހުން ކޮށްފައިވާ އެފަދަ މަސައްކަތްތަކުގެ ސަބަބުން ބައެއް މާރާމާރީތައް ހުއްޓުވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"[ބަލައި ފާސްކުރި ތަންތަނުގެ] ތޭގައި ހިމެނޭ ހެންވޭރު ޕާކް. އެތަނުން ތަންކޮޅެއް ކުރިން ފެނިފައި އެބަ ހުރި. އަލިކިލޭގެފާނު މަގުގައި ހުރި ޕާކުން ވެސް ފެނިފައި އެބަހުރި. ދެން މީގެ އިތުރުން މާފަންނު އެސްޓީއޯ ހެޑް އޮފީހާ ކައިރީގައި ހުންނަ ހުސް ބިމުން ވެސް އެބަހުރި ފެނިފައި. އެހެންވީމަ [ތޫނު ހަތިޔާރު ފޮރުވަން] ވަކިތަނެއް އެ މީހުންނެއް ނެތް. އެކި ދިމަދިމާލުގަ އެއްޗެއް ރައްކާކުރެވެން ހުރި ހިސާބުގައި ރައްކާކޮށްފަ ހުރޭ،" ނަވީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކި ފަހަރު ހަތިޔާރު ފޮރުވަނީ އެކި ސަރަހައްދުތަކުގައި ކަމަށާއި އެހެން ކަމުން ގްރޫޕްތައް ހަރަކާތްތެރިވާ ގޮތާއި އަދި ތޫނުއެއްޗިހި ފޮރުވާތަންތަނުގެ މައުލޫމާތު އެނގޭ ފަރާތްތަކުން އެ މައުލޫމާތު ފުލުުންނަށް ހިއްސާ ކުރުމަށް އޭނާ އެދިވަޑައިގަތެވެ.

ޗީފް އިނިސްޕެކްޓަރު ޝަތީހު ވިދާޅުވީ ތަހުގީގު މަރުހަލާ އާއި ދައުވާ ކުރުމާއި ޝަރުއީ މަރުހަލާ މިހާރަށް ވުރެ އަވަސް ނުކުރެވިއްޖެނަމަ ނުރައްކާތެރި މައްސަލަތައް ކާމިޔާބު ކުރެވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިގެންދާ ޕްރޮސެސް މިހާރަށް ވުރެ އެބަޖެހޭ ހަލުވި ކުރަން. ތަހުގީގު މަރުހަލާ ވިޔަސް ޝަރީއަތުގެ މަރުހަލާ ކަމަށް ވިޔަސް. އެހެންވީމަ މި މަރުހަލާތައް މިހާރަށްވުރެ އަވަސް ކުރެވިގެން ނޫނިއްޔާ މިކަހަލަ ނުރައްކާތެރި މައްސަލަތަކުގައި ކާމިޔާބުވާނެ ކަމަކަށް އަޅުގަނޑު ނުދެކެން،" ޝަތީހު ވިދާޅުވި އެވެ.