ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސަލާމަތީ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ރައްޔިތުންގެ މަޖިލީހާއެކު މަޝްވަރާ ކުރަމުންދާ ކަމަށް މޯޅްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

"ސަން"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ހުސައިން އަލީ ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ ސެކިއުރިޓީ ކަންތައްތަކާ ބެހޭ ގޮތުން ގައުމީ ދިފާއީ ބާރުގެ އިސްވެރިންނާއި މަޖިލީހުގެ އިސް ބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"މެންބަރުންގެ ސެކިއުރިޓީ ކަންތަކާ ގުޅޭ ގޮތުން އަޅުގަނޑު މިވަގުތު ދަންނަވަން އޮތީ މެންބަރުންގެ ސެކިއުރިޓީ ކަންތަކާއި ގުޅޭ ގޮތުން މަޖިލީހުގެ އިދާރާއާއި އެމްއެންޑީއެގެ އިސްވެރިންނާ ދެމެދު މަޝްވަރާ ބައްދަލުވުންތަކެއް ކުރަމުންދާ ކަމަށް،" ހުސައިން އަލީ ވިދާޅުވި އެވެ.

ގާނޫނުގައި ބުނެފައި ވާ ގޮތުން ރައްޔިތުންގެ މަޖިލީޙުގެ މެންބަރުންގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަން ޖެހޭނީ ދައުލަތުގެ ސަލާމަތީ ބާރުތަކުންނެވެ. މެންބަރުންގެ ސެކިއުރީޓީ ކަންތައްތައް ހަމަޖޭހޭނެ ވަކި ދުވަހެއް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅެއް ނުވެއެވެ.

މެމްބަރުންގެ ސަލާމަތާ ގުޅޭ ގޮތުން މަޖިލީހާއެކު ގައުމީ ދިފާއީ ބާރުން މަޝްވަރާތަކެއް ފަށާފައިވާއިރު މަޖިލީހުގެ ގިނަ މެންބަރުން ތަކަކަށް ވަނީ އެސްއެމްއެސް މެދުވެރިކޮށް މަރުގެ އިންޒާރު ދީފަ އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ އިތުރުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދަށް ވެސް ވަނީ މަރުގެ އިންޒާރު ދީފަ އެވެ.