03 Aug 2014, 17:21
ށ. ފޯކައިދޫގެ ޒުވާނުން އިންތިޒާމްކޮށްގެން އީދު ބަންދާ ދިމާކޮށް ފުރަތަމަ ފަހަރަށް އެރަށުގައި "ހޯލް ފުޑްސް C-7 ފުޓްސަލް ޓޯނަމެންޓް"ގެ ނަމުގައި ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކޮށިއެރި ޓީމުން ހޯދައިފި އެވެ.
ހުކުރު ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗު 2-0 ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކޮށިއެރި އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އާއި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވުނީ ސުޕަރ ފައިޓާސްގެ ހުސައިން ސޯދިގު (ޗޮޕޭ) އެވެ. މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ ކޮށިއެރިގެ އަހްމަދު ޔަޝައު އާއި، އެ ޓީމުގެ މުހައްމަދު އަފްރާހާއި، އެ ޓީމުގެ މުހައްމަދު އިހުސާނާއި، ޝަންހާއީގެ އަބްދުﷲ ނައުފަލް އަދި ސުޕަރ ސްޓާގެ އަބްދުﷲ ސޯދިގެވެ.
މި މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމުތައް ހަވާލުކޮށްދިނީ ހޯލް ފުޑްސް ރެސްޓޯރަންޓުގެ މެނޭޖަރު އަހުމަދު އާސިފާއި ފޯކައިދޫ ސްކޫލްގެ އިސްލާމް މުދައްރިސް މުހައްމަދު ޒުހައިރެވެ.
މުބާރާތުގެ ފައިނަށް ސުޕަރ ސްޓާ ދަތުރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ސުޕަރ ފައިޓާސްއާ ވާދަކޮށް 5-2 ލަނޑުން މޮޅުވެގެންނެވެ. އަދި ކޮށިއެރި ފައިނަލަށް ދަތުރުކުރީ ދެވަނަ ސެމީގައި ޝަންހާއީއާ ވާދަކޮށް 2-1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.
ޖުމްލަ ނުވަ ޓީމް ބައިވެރިވި މި މުބާރާތް ކުރިއަށްދިޔައީ އެ ނުވަ ޓީމު ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ ޓީމު ސެމީ ފައިނަލަށް ދިޔަ އިރު، ގްރޫޕްތަކުގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމު ސެމީއަށް ދަތުރުކުރި އެވެ.
ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު އެއް ކުޅުންތެރިއެއް ހިމެނުމުގެ ފުރުސަަތު ހުޅުވާލައިގެން ކުރިއަށްދިޔަ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ އެރަށު ހޯލް ފުޑްސް ރެސްޓޯރަންޓެވެ.