03 Aug 2014, 17:09
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
"ސަން"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ އެމަނިކުފާނަށް މަރާލާނެ ކަމުގެ އިންޒާރު ދީފައިވަނީ މިއަދު ކަމަށެވެ. އަދި އިންޒާރު ދީފައި ވަނީ އެސްއެމްއެސް އެއް މެދުވެރިކޮށް "އަންލިސްޓެޑް" ނަންބަރަކުން ކަމަށް ވެސް ވިދާޅުވި އެވެ.
"އަންލިސްޓެޑް ނަންބަރަކުން ފޮނުވި އެސްއެމްއެސް އަކުން އަޅުގަޑަށް ވެސް މިވަނީ މަރާލާނެ ކަމުގެ އިންޒާރު ދީފައި. އަޅުގަނޑަށް އެސްއެމްއެސް ލިބިފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި" ޝާހިދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކާކުކަން ނޭނގޭ ނަންބަރަކުން ލިބުނު އެސްއެމްއެސް ގައި " ތިހެން ފާޑުފާޑަށް އުޅޭކަމަށް ވަންޏާ މަރާލާނަން" މިގޮތަށް ބުނެފައިވާ ކަަމަށެވެ.
ޝާހިދު ވިދާޅުވީ، އެމަނިކުފާނަށް މަރުގެ އިންޒާރު ދީފައިވާކަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުހައްމަދަށާއި ނައިބް ރައީސް މޫސާ މަނިކަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
"ފިލާ ތިބެގެންދޭ ފިނޑިއިންޒާރެއްގެ ސަބަބުން އަޅުގަޑުގެ އަޒުމެއް ގުޑުވައެއް ނުލެވޭނެ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒްގެ ގާނޫނުގައި މަޖިލީހުގެ ކުރީގެ ރައީސްގެ ސަލާމަތާއި ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށާއި އަދި ސެކިޔުރިޓީ ބޭނުންވެގެން މަޖިލީހުގެ އިދާރާއަށާއި މަޖިލީހުގެ ރައީސަށް ދަންނަވާފައި ވާނެ ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އަށް އިންޒާރު ދީފައިވާއިރު މީގެކުރިން ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް ވެސް މަރުގެ އިންޒާރުދީ އެސްއެމްއެސް ފޮނުވާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ،