އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހެމުންދާ ޣައްޒާގެ މުސްލިމުންނަށް އެހީވުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން، އެ ދެ މުއައްސަސާގެ މުވައްޒަފުންގެ އެއް ދުވަހުގެ އުޖޫރަ ޣައްޒާއަށް ދިނުމަށް ނިންމައިފި އެވެ.

ޕޯޓްސް ލިމިޓެޑްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި "އަޅުގަނޑުގެ މަސައްކަތުގެ އެއްދުވަހުގެ އުޖޫރަ ޣައްޒާއަށް" މި ޝިއާރުގެ ދަށުން ހުޅުވި ފަންޑު އިފްތިތާހް ކުރުމުގެ ގޮތުން ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު މުހައްމަދު ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނަށްޓަކައި ރާއްޖެ ކަހަލަ ކުޑަ އަދި މުސްލިމް ގައުމަކަށް ކޮށްދެވެން އޮތީ ދެ ކަމެއް ކަމަށެވެ.

"އެއްކަމަކީ އަޅުނގަޑުމެންނަކީ މުސްލިމުންނަށްވީތީ، ފަލަސްތީނުގެ އަހުންނާއި އުހުތުންނަށް އިސްރާއީލުން ކުރަމުންދާ އުދުވާނުން ސަލާމަތްކޮށްދިނުމަށް އެދި މާތްﷲ ގެ ހަޒްރަތުގައި ދުއާދެއްނެވުން. ދެވަނަ އަށް ކުރެވެން އޮތް ކަމަކީ ތަނަވަސްކަން ހުރި މިންވަރަކުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން،" ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކަސްޓަމްސް އާއި އެމްޕީއެލް ގުޅިގެން ހުޅުވި އެ ފަންޑުގެ ފަންޑު ފޮށިތައް ކަސްޓަމްސް އާއި އެމްޕީއެލްގެ މަސައްކަތްކުރިއަށްދާ ހުރިހާ ސަރަހެއްދެއްގައި ވެސް ބެހެއްޓިފައި ހުންނާނެ ކަމަށެވެ.

މީގެ އިތުރުން، ފަންޑުގެ ހަރަކާތްތައް ހަފްތާއެއް ވަންދެން ކުރިއަށް ގެންދަން ނިންމާފައި ވާއިރު، ކަސްޓަމްސް އަދި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން އާންމު ފަރާތްތަކަށް ވެސް ފަންޑު ފޮއްޓަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

ކަސްޓަމްސް އިން ބުނީ، ފަންޑުން ލިބޭ ފައިސާ ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަދި ވަކިގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތަށްފަހު، ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު މުހައްމަދާއި އެމްޕީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު މަހުދީ އިމާދުގެ އިތުރުން ކަސްޓަމްސް އާއި އެމްޕީއެލްގެ ގިނަ މުވައްޒަފުން ވަނީ ފަންޑަށް ފައިސާ ހަދިޔާކުރައްވާފަ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ އުދުވާނަށް މަހަކާ ގާތްވެފައި ވާއިރު، އެ އުދުވާނުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 1721 އަށް އަރައިފަ އެވެ. އަދި ޒަޚަމްވީ މީހުންގެ އަދަދު ވަނީ 9100 އަށް އަރައިފަ އެވެ.