Last Updated: 1 decade 1 year ago
ހަށިގަނޑުގެ 11 ތަނަކަށް ވަޅި ހެރުމުން ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ނ. މިލަދޫ، ދިއްގާމާގޭ އަހްމަދު މާޒިން، 20، މަރުވީ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ މާޒިން މަރާލި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އަދި ޚާއްސަ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާޒިން މަރާލި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތު ފުލުހުންނަށް ހިއްސާކުރުމަށް ޝަތީހު ވަނީ އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ އެ މައްސަލައިގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތެއްގެ ސިއްރު ހިފަހައްޓާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
"މި ފުރުސަތުގައި އަޅުގަނޑު އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްލަން ބޭނުންވޭ ޚާއްސަކޮށް ރޭގެ މަރުގެ ހާދިސާއާ ގުޅިގެން ވެސް މި މައްސަލަތަކާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް އާންމު ރައްޔިތަކަށް ލިބިފައިވާނަމަ އެ މައުލޫމާތެއް ލަސްނުކުރައްވައި ފުލުހުންނަށް ހިއްސާކުރުމަށް. ހަމަ އެހެންމެ މައުލޫމާތު ހިއްސާ ކުރާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓުން އަޅުގަނޑުމެންގެ ސައިޑުން ކޮށްދޭނެވާހަކަ ދަންނަވަން. އަދި އެ ފަރާތްތަކުން ހެކިބަސް ދިނުމުގައި ސިއްރު ހެކީގެ ގޮތުގައި ހެކިބަސް ދިނުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އެންމެހައި ރައްޔިތުންނަށް އަރުވަން،" ޝަތީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެކުރިން ހިނގާފައިވާ މަރުގެ ހާދިސާތަކުގައި ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުން ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ފަސް މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޝަތީހު ވިދާޅުވި އެވެ. އަދި މާރާމާރީގެ އެހެން މައްސަލައެއްގައި ދެ މީހަކު ދެނެގަނެވި، މިހާރު އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.