03 Aug 2014, 15:36
ތޫނު ހަތިޔާރުން ހަމަލާދީ މީހުން މަރާ މުޖުރިމުންނަށް މަރުގެ އަދަބު ދިނުމަށް ސަރުކާރުން އެއްވެސް ޖެހިލުމެއް ނުވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ތޫނު ހަތިޔާރުން ހަމަލާދީ މީހުން މެރުމުގައި ބައިވެރިވެ އެފަދަ އަމަލުތައް ހިންގަމުން ގެންދާ މުޖުރިމުން ހޯދައި ހައްޔަރުކޮށް ޝަރީއަތުގެ ކުރިމައްޗަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ މީހުންނަށް ޝަރީއަތުން އިއްވާ މަރުގެ ހުކުމް އެއްވެސް ޖެހިލުމެއްނެތި ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
"ތޫނު އެއްޗިހިން ހަމަލާދީ ގަސްދުގައި މީހުން މަރާ މީހުންނަށް ކުރެވޭ މަރުގެ ހުކުމް ތަންފީޒު ކުރުމުގައި އެއްވެސް މިންވަރަކަށް ސަރުކާރުން ޖެހިލުންނުވެ އެފަދަ ހުކުމްތައް ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ،" އެ ބަޔާނުގައި ވެއެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގަމުން ގެންދާ މާރާމާރީތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި އެކަމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
"ދިވެހިރާއްޖެ އަކީ ކުށްމަދު އަމާން ތަނަކަށް ހެދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރަމުން ގެންދާކަމުގެ ޔަގީންކަން ވެސް އަރުވަން،" އެ ބަޔާނުގައި ވެއެވެ.