03 Aug 2014, 15:21
ޣައްޒާ (އޮގަސްޓް 3): އިސްރާއީލުގެ މަގްސަދްތައް ހާސިލް ވަންދެން ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ އުދުވާން ކުރިޔަށް ގެންދާނެ ކަމަށް ވިދާޅުވެ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރޭ ދެއްވި ބަޔާނަކަށް އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތުން ރައްދު ދީފި އެވެ.
ހަމާސްގެ ތަރްޖަމާން ފަވްޒީ ބަރްހޫމް ވިދާޅުވީ، ފަލަސްތީނުގެ މުޖާހިދުންގެ ލަނޑުދަނޑިތައް ހާސިލް ވަންދެން އިސްރާއީލާ ދެކޮޅަށް ރޮކެޓް ހަމަލާތައް ދިނުމުގައި ކުރިޔަށްދާނެ ކަމަށާއި ނަތަންޔާހޫ އަކީ ހަނގުރާމައިގެ މުޖްރިމެއް ކަމުގައެވެ. ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް ނަތަންޔާހޫގެ މައްޗަށް ޝަރީއަތް ހިންގަންޖެހޭ ކަމަށްވެސް ބަރްހޫމް ވިދާޅުވި އެވެ.
ބަރްހޫމް ވިދާޅުވިގޮތުގައި ނަތަންޔަހޫ މި މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ ޣައްޒާއާ ދެކޮޅަށް އޭނާ ހިންގަމުން ގެންދާ ހަނގުރާމައިގެ ޖަރީމާތަކުގައި ބަލިވާކަމުގެ އިހްސާސް ކުރެއްވިގެން އިސްރާއީލުގެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ކަމަށާއި އިސްރާއީލަށް އުދުވާނުގެ އެއްވެސް މަގްސަދެއް ހާސިލް ވެފައިނުވާ ކަމުގައެވެ. އަނެއްކޮޅުން އިސްރާއީލުގެ މަގްސަދްތައް ހާސިލް ވަންދެން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށް ވިދާޅުވެ ނަތަންޔާހޫ ހަރުކަށިކަން ދައްކަވަމުން މި ގެންދަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތައް ބަލިކުރެވޭނެކަމުގެ އުންމީދު ކުޑަވެ އިސްރާއީލު ސިފައިންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ޣައްޒާގެ އުދުވާން ކުރިޔަށް ގެންދިޔުމާމެދު އިސްރާއީލުގެ ހަރުކަށި ވެރިންގެ މެދުގައި ޚިލާފްތައް އުފެދިފައިވާ ކަމުގެ ޚަބަރުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
މީގެއިތުރުން ނަތަންޔަހޫ މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ޣައްޒާއަށް އެރި އިސްރާއީލު ސިފައިންގެ ބައެއް ޔުނިޓްތައް މަގްސަދް ހާސިލްނުވެ ޣައްޒާއިން ފައިބަމުންދާ ކަމުގެ ޚަބަރުތަކެއް ބައިނަލްއަގްވާމީ މީޑިޔާއިން ކަށަވަރުކޮށްދީފައިވާ ދަނޑިވަޅެއްގައިވެސް މެއެވެ.
ބަރްހޫމް ވިދާޅުވީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ނައްތާލައި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުންގެންދާ ގަތުލުއާންމުތައް ހުއްޓާލުމުން ނޫނީ އިސްރާއީލާ ދެކޮޅަށް ކުރަމުންގެންދާ މިނިވަންކަމުގެ ޖިހާދު ހުއްޓައި ނުލާނެ ކަމަށާއި މިކަމުގައި ހަމާސްއިން ނަތަންޔާހޫއަށް ގޮންޖަހާ ކަމުގައެވެ. އަދި ހަމާސްއާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުގެ އަތުން ހަތިޔާރު އަތުލުމަކީ އިސްރާއީލަށް ކުރެވޭނެ ކެމެއް ނޫންކަމަށާއި އިސްރާއީލުގެ ސިފައިންނަށް ލިބޭ ނާކާމިޔާބީތަކުން ނަތަންޔާހޫއަށް ވަނީ ގޮތް ހުސްވެފައި ކަމަށްވެސް ހަމާސްގެ ތަރްޖަމާން ވިދާޅުވި އެވެ.
ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން ނުފައިބަނީސް އިސްރާއީލަށް އަމާންކަން ލިބުމުގެ ފުރްސަތު ނުދޭނެކަމަށް ވެސް ބަރްހޫމް ވިދާޅުވި އެވެ.
ހިފާފައިވާ ގުދްސުގައި އިސްރާއީލު ސިފައިންގެ ޗީފް އޮފް ސްޓާފް މޯޝޭ ޔުއާލޫން އާއެކު ރޭ ބޭއްވި ނޫސްކޮންފަރެންސެއްގައި އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ވިދާޅުވީ އިސްރާއީލުގެ މަގްސަދަކީ ހަމާސްގެ އަސްކަރީ އޮނިގަނޑު ހަލާކުކޮށް އިސްރާއީލުގެ ޔަހޫދީންނަށް އަމާންކަން ހޯދައިދިނުން ކަމަށާއި މި މަގްސަދު ހާސިލްވަންދެން ޣައްޒާއާ ދެކޮޅަށްދޭ ހަމަލާތައް ކުރިޔަށް ގެންދާނެ ކަމުގައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ނަތަނިޔާހޫ އަކީ ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގާ ކަމުގެ ތުހުމަތު ކުރެވިފައިވާ ހަރުކަށި ވެރިއެކެވެ. (އަލްޖަޒީރާ)