އައްޑޫ ސިޓީ ކައުންސިލުން ހުސްވެފައިވާ ފޭދޫ ދާއިރާގެ ގޮނޑިއަށާއި ނ. ވެލިދޫ ރަށު ކައުންސިލުން ހުސްވެފައިވާ ގޮޑިއަށް މެންބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހު 20 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާދައިން ފެށިގެން މި މަހުގެ 17 ދުވަހުގެ ނިޔަކަށް ހުޅުވާލާފައި ވާކަމަށެވެ.

ވެލިދޫ ރަށު ކައުންސިލުން ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވި މުހައްމަދު އަލިފުޅު މި ދިޔަ ޖޫން މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ވެލިދޫ ކައުންސިލްގެ ނައިބު ރައީސް ކަމުގައި ހުންނެވުމަށްފަހު ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައިވާ ސަބަބު ހާމަ ކޮށްފައިނުވާ ކަމަށް އެކައުންސިލުން ވަނީ ބުނެފަ އެވެ.

އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކައުންސިލް ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވި އަބްދުﷲ އަޝްވާން މި ދިޔަ ޖުލައި މަހު ނިޔާވުމާ ގުޅިގެންނެވެ.