އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާނުގައި ޝަހީދުވަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއި ކުދިންނަށް ހެޔޮރަހުމަތް ލެއްވުމަށް އެދި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދުއާކޮށްފި އެވެ.

ސްކޫލްތަކުގެ ދެ ދަންފަޅީގެ އެސެމްބްލީގައި މިއަދު ކުރި އެ ދުއާގައި، ފަލަސްތީނުގެ ރައްޔިތުންނަށް ކެތްތެރިކަން ދެއްވައި، އަދި އެ ގައުމުގެ ރައްޔިތުން ރައްކާތެރި ކޮށްދެއްވުން އެދި މާތްﷲގެ ހަޟުރަތުގައި ދުއާ ދަންނަވާފައިވެއެވެ. އިސްރާއީލުގެ ލާއިންސަނީ ޖަރީމާތަކުގައި މިދުނިޔެ ދޫކޮށްފައިވާ ކުދި ބޮޑު އެންމެހައި ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުމަށް އެދި މިއަދު ދުއާކޮށްފައިވެއެވެ.

ފަލަސްތީނުގެ ރައްޔިތުން އުފުލަމުންދާ ވޭނާއި ކެކުޅުމުގައި މައުނަވީގޮތުން ބައިވެރިވުމުގެ ގޮތުން ކުރި އެ ދުއާއަށްފަހު ވަނީ އެއް މިނެޓުގެ ހަމަހިމޭންކަމުގެ ސްކޫތެއް ގެނެސްފައެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ އުދުވާނަށް މަހަކާއި ގާތްވެފައިވާއިރު، އެ އުދުވާނުގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު މިހާރު ވަނީ 1721 އަށް އަރައިފަ އެވެ. އަދި ޒަޚަމްވީ މީހުންގެ އަދަދު ވަނީ 9100 އަށް އަރައިފަ އެވެ.