ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރީ ސީޒަން މެޗުތަކުގައި ރަނގަޅު ކުޅުމެއް ނުދެއްކުނު އޭސީ މިލާން މި މަހުގެ ފަހުކޮޅު ފުރިހަމައަށް ތައްޔާރަށް އޮންނާނެ ކަމަށް އެ ކްލަބުގެ ކޯޗު ފިލިއްޕޯ އިންޒާގޯ ބުނެފި އެވެ.

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި އޮލިމްޕިއާކޯސް އަތުންނާއި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުން މިލާން ވަނީ ބަލިވެފައެވެ. އޮލިމްޕިއާކޯސް އަތުން 3-0 ލަނޑުން މިލާން ބަލިވި އިރު، ސިޓީ އަތުން ބަލިވީ 5-1 ލަނޑުންނެވެ.

"މިހާރު އަހަރެމެން މިދަނީ ޓީމު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަމުން. މި މަހުގެ ފަހުކޮޅު އަހަރެމެން އޮންނާނީ ތައްޔާރަށް،" 'ލަ ގެޒެޓާ ޑެލޯ ސްޕޯޓް'އަށް ދިން އިންޓަވިއުއެއްގައި އިންޒާގީ ބުންޏެވެ. "އަހަރެމެންނަށް ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް،"

އިންޓަނޭޝަނަލް ކަޕުގެ ގްރޫޕް ސްޓޭޖުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުން ވެސް މިލާން ވަނީ ބަލިވެފައެވެ. އެ މެޗުން މިލާން ބަލިވީ 2-0 ލަނޑުންނެވެ. މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ މެންޗެސްޓާ ޔުނައިޓެޑާއި ގްރޫޕް ބީގެ އެއްވަނަ ލިވަޕޫލް އެވެ. އެ މެޗު ކުޅޭނީ ރާއްޖޭ ގަޑިން މާދަމާ ރޭ ފަތިހު 5:00 ގައެވެ.