މިއަހަރުގެ ވޮލީބޯޅަ ސީޒަންގައި ވާދަކުރާ ޕޮލިސް ކުލަބުގެ އަންހެން އަދި ފިރިހެން ޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ޖާޒީ ހަވާލު ކޮށްފި އެވެ.

ރޭ ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި ދެ ޓީމުގެ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދުއެވެ.

ރޭގެ ރަސްމިއްޔާތުގައި ޕޮލިސް ކުލަބުގެ ރައީސް އަސްހަދު ވަހީދު އާއި ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީ އާއި ފުލުހުންގެ ބައެއް ސީނިއާ އޮފިސަރުންނާއި ޕޮލިސް ކުލަބު އަންހެން އަދި ފިރިހެން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވިއެވެ.

މިއަހަރު ވޮލީބޯޅަ ސީޒަންގައި ޕޮލިސް ކުލަބު ޖާޒީ ސްޕޮންސާ ކޮށްފައިވަނީ އެސްޓީއޯ އިންނެވެ. އެގޮތުން ޕޮލިސް ކުލަބު އަންހެން ޓީމު ޖާޒީ ބޭނުންކުރާނީ އެސްޓީއޯއިން ވިއްކާ ބްރޭންޑެއްކަމަށްވާ ފިލިޕްސް އެއަފްރަޔަ އެވެ. އަދި ފިރިހެން ޖާޒީގައި ބޭނުންކުރާނީ ހިޓާޗީ އެއާ ކޮންޑިޝަން އެވެ.

މި އަހަރުގެ ވޮލީ ސީޒަންގައި ޕޮލިސް ކުލަބްގެ ފިރިހެން ޓީމަށް ކުޅުމަށް ރާއްޖޭގެ މަޝްހޫރު ހަތަރު ކުޅުންތެރިޔަކު ވަނީ ސޮއިކޮށްފައެވެ. އެ ކުޅުން ތެރިން ނަކީ މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ވޮލީބޯލް ކުޅުންތެރިޔާ އިޝާން މުހައްމަދު (ބަޓިޝް) އާއި ހުސައިން ސައީދު (ސެންޑީ)ގެ އިތުރުން މިދިޔަ އަހަރު ވެސް ޕޮލިސް ކުލަބަށް ކުޅުނު އަދި ގައުމީ ތަށި ޕޮލިސް ކުލަބަށް ހޯދަދިނުމުގައި ބޮޑު ރޯލެއް އަދާކޮށްފައިވާ ދެބެން ކަމުގައިވާ އަލީ ހުޒާމް އާއި ހަސަން ނިލާމް އެވެ.