03 Aug 2014, 13:33
ކުރިއަށް އޮތް ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު އާސެނަލްއަށް ކާމިޔާބު ކުރެވިދާނެ ކަަމަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ތައްޓެއް ހޯދުމަށް ކުރަމުންދިޔަ ނުވަ އަހަރުގެ ދިގު އިންތިޒާރީއަށް ފަހު، އެ ކްލަބަށް ވަނީ މިދިޔަ މެއި މަހު ތައްޓެއް ލިބިފައެވެ. މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކާމިޔާބުކުރި އިރު، އާސެނަލްއަށް މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ނިންމާލެވުނީ ހަތަރު ވަނައިގައި އޮވެ އެވެ.
މިދިޔަ މެއި މަހު އާސެނަލްގެ ފްރާންސް ކޯޗު ވަނީ އެ ކްލަބާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށް، އޭނާގެ ކޮންޓްރެކްޓް އާކޮށްފަ އެވެ. އަންނަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ ވިސްނުމެއް ވެންގާ ގެންގުޅޭ އިރު، އެންމެ ފަހުން އާސެނަލްއަށް ލީގު ތައްޓެއް ކާމިޔާބުކުރެވުނީ 2004 ވަނަ އަހަރެވެ.
"އާސެނަލްއަށް މާގިނަ ތަށިތަކެއް ކާމިޔާބު ނުކުރެވުމުން އެކަމާ މެދު އަހަރެން އެއްވެސް އުޒުރެއް ދައްކާފައެއް ނުވާނެ. އެކަމުގެ ޒިންމާ އަހަރެން ފުރިހަމައަށް ނަގަން،" ވެންގާ ބުންޏެވެ. "އަހަރެން އާސެނަލްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރީ ވެސް އެކަންކަން އެނގި ހުރެ. އަހަރެމެންނަށް ކުރިން އޮތް ހުރަހަކީ ފެންވަރު ރަނގަޅު ޓީމެއް ނެތުން. ނަމަވެސް މިހާރު ލީގު ކާމިޔާބު ކުރެވޭވަރުގެ ރަނގަޅު ޓީމެއް އެބައޮތް،"
ވެންގާ ބުނީ، މިދިޔަ ސީޒަނުގައި ވެސް ޕްރިމިއާ ލީގު ކާމިޔާބު ކުރުމާ ގާތަށް ޖެހިލި ކަމަށާއި، މިދިޔަ ސީޒަން ނިންމައިލި އިރު އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮންނާނީ ހަތް ޕޮއިންޓްގެ ފަރަގެއް ކަމަށެވެ. މިދިޔަ ސީޒަން ފެށިއިރު، ޓީމުގައި އޮތް ޔަގީންކަމަށް ވުރެ، މި ފަހަރު ލީގު ކާމިޔާބު ކުރެވިދާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ވެސް އޭނާ ބުންޏެވެ.
އަންނަ ސީޒަނަށް އާސެނަލް ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމަށް ގެނައި އެންމެ މުހިންމު އެއް ކުޅުންތެރިއަކީ 40 މިލިއަން ޔޫރޯއަށް ބާސެލޯނާއިން ގެނައި އެލެކްސިސް ސަންޗޭޒެވެ. އޭނާގެ އިތުރުން ކަލުމް ޗެމްބާސް އާއި މެތިއު ޑެބޫޗީ އަދި ގޯލްކީޕަރު ޑޭވިޑް އޮސްޕީނާ ވެސް ވަނީ މިހާރު އާސެނަލްއަށް ގެނެސްފަ އެވެ.