އިސްރާއީލުގެ ބައެއް ސިފައިން ބަރުހަތިޔާރާއެކު ޣައްޒާއިން ފައިބަން ފަށައިފި އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ އިސްރާއީލު ސިފައިންގެ ޓޭންކްތަކާއި އެހެނިހެން ބައެއް ވެހިކަލްތައް ވެސް ޣައްޒާ ދޫކޮށް ދާތަން މިއަދު ފެނިފައިވާ ކަމަށެވެ. އަދި ބުނީ އެމަންޒަރު ފެނިފައި މިވަނީ ހަނގުރާމައާ މެދު އަލުން ވިސްނާނެ ކަމަށް އިސްރާއީލު ސަރުކާރުން ބުނެފައި ވަނިކޮށް ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ފޮނުވި ލަޝްކަރު އަނބުރާ ގެންދަން އުޅޭ ކަމުގެ މި ސިގްނަލް ލިބިފައި ވިޔަސް ޣައްޒާއަށް މިއަދުވެސް ވައިގެ ހަމަލާތައް ވަނީ ދީފައެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ އުދުވާނަށް 27 ދުވަސް ވެފައި ވާއިރު ޝަހީދުވީ މީހުންގެ އަދަދު މިހާރު ވަނީ 1721 އަށް އަރައިފަ އެވެ. އަދި ޒަހަމްވީ މީހުންގެ އަދަދު ވަނީ 9100 އަށް އަރައިފަ އެވެ.

އިސްރާއީލުގެ އުދުވާނުގައި މިހާ ގިނަ ބަޔަކު ޝަހީދުވެފައި ވަނިކޮށް، އެގައުމު ބާރުވެރި ކުރުވުމަށް އެގައުމަށް 225 މިލިޔަން ޑޮލަރުގެ އެހީ ދިނުމަށް އެމެރިކާގެ ކޮންގްރެސް އިން ވަނީ ފާސްކޮށްފައެވެ.

އިސްރާއީލުގެ ދިފާއީ އައްޑަނަ (ރޮކެޓް ހުއްޓުވާ ނިޒާމު) އަޔަން ޑޯމް އިތުރަށް ވަރުގަދަ ކުރުމަށް އެގައުމަށް 225 މިލިޔަން ޑޮލަރު ދިނުމަށް އެމެރިކާގެ ކޮންގްރެސް އިން ފާސްކުރީ ހުކުރު ދުވަހު އެވެ. އެހީދޭން ފެނޭތޯ ނެގި ވޯޓްގައި ފެންނަ ކަމަށް 395 މެމްބަރުން ވޯޓް ދިން އިރު އެކަމާ ދެކޮޅަށް ވޯޓް ދިނީ އަށް މެމްބަރުން ކަމަށް އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުންޏެވެ.

އިސްރާއީލަށް އެހީދޭން ފާސްކުރި ބިލު މިހާރު ވަނީ ސޮއިކުރެއްވުމަށް ޓަކައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ފޮނުވައިފަ އެވެ.

އަޔަން ޑޯމް ވަރުގަދަކުރުމަށް މިހާ ގިނަ އަދަދެއްގެ ފައިސާދޭން އެމެރިކާއިން ނިންމާފައި މިވަނީ އިސްރާއީލަށް ހަތިޔާރު ފޮނުވިކަން އެމެރިކާ އިން ހާމަކުރިތާ ދެދުވަސް ފަހުންނެވެ.