13 Jan 2011, 19:54
ސ. ހުޅުމީދޫގައި އަޅާ އެސްޓީއޯގެ ހަތަރު ބުރީގެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ރަޝީދު ކާޕެންޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.
މި ޕްރޮޖެކްޓް ރަޝީދު ކާޕެންޓަރީ އާއި ހަވާލު ކުރުމަށްޓައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ އެވެ. ރަޝީދު ކާޕެންޓަރީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޝާހިދު ވިދާޅުވީ މި ޕްރޮޖެކްޓަކީ 16 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށާއި، މަސައްކަތް ނިންމަންޖެހޭ މުއްދަތަކީ 16 މަސް ދުވަސް ކަމަށެވެ.
ހުޅުމީދޫގައި އަލަށް ހަދާ ހަތަރު ބުރީގެ އިމާރާތުގައި ފިހާރައަކާއި، ގުދަނެއްގެ އިތުރުން އެ ކުއްޔަށް ދޭނެ ބައެއްވެސް ވަނީ ހިމަނާފަ އެވެ.
މިހާރު އެސް ޓީއޯއިން ހުޅުމީދޫގައި ބޭނުންކުރާ ދެ އިމާރާތަކީ ކުއްޔަށް ހިފައިގެން ބޭނުންކުރާ ދެ އިމާރާތެވެ. އާ އިމާރާތް ހަދައި ނިމުމުން ހުޅުމީދޫގައި އެސްޓީއޯއިން ކުރަމުންދާ ވިޔަފާރިއަށް ބޮޑު ލުޔެއް ލިބިގެން ދާނެކަމަށް އެސްޓީއޯއިން ބުނެ އެވެ.
"އަޅުގަނޑުމެންގެ ފިހާރަ ހުންނަނީ އެހެން އިމާރާތެއްގަ. ގުދަން ހުންނަނީ އެހެން އިމާރާތެއްގަ. ދެ އިމާރާތަކީ ވެސް ކުއްޔަށް ހިފާފައި ހުރި ދެ އިމާރާތް. އާ އިމާރާތް އެޅުނީމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ." ޝާހިދު ވިދާޅުވި އެވެ.
އައްޑު އަތޮޅުގައި އެސްޓީއޯގެ މައި މަރުކަޒު ހުންނަނީ ވެރިރަށް ހިދަތޫގަ އެވެ.