03 Aug 2014, 13:00
ކ. ގުރައިދޫ ނަރުދަމާގެ މައްސަލައެއް ދިމާވެގެން ދެ ގެއަކަށް ނަޖިސް ބޭރުވަމުންދާތާ މިހާރު ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް އެމައްސަލަ ހައްލުނުކުރެވޭ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ގުރައިދޫ ކައުންސިލް މެމްބަރު އަލީ ޝަމީމް ވިދާޅުވީ އެ ރަށު ދެ ގެއެއްގެ ފާހާނާގެ ފެންހިންދާ ތަނަކުން ނަޖިސް ބޭރުވަމުން އަންނާތީ އެ ދެގޭގެ ފާޚާނާ ބޭނުން ނުކުރެވޭ ކަމަށާއި އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިރަށުގެ ނަރުދަމާ މިއިންނަނީ ފެންތައް އެކަނި ކަނޑަށް ފޮނުވާލާ ގޮތަށް، ދެން ނަޖިސް ބައި މިހުންނަނީ ކޮންމެ ގެއެއްގައި ހަދާފައި ހުންނަ ޓޭންކެއްގެ ތެރޭގައި. އެދެގެއަށް ވެގެން މިއުޅެނީ ޓޭންކް ފުރުމުގެ މައްސަލައެއް،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ އެ ޓޭންކް ފުރުމުގެ ސަބަބުން އަމަލުކުރާ އުސޫލަކީ "ބައުޒަރެއް" މެދުވެރިކޮށް އެ ޓޭންކްތައް ހިއްކުން ކަމަށާއި ނަމަވެސް އެ ރަށުގައި ބޭނުންކުރާ "ބައުޒަރު" މިހާރު ވަނީ ހަލާކުވެފައި ކަމަށެވެ.
ކައުންސިލްގެ ނައިބް ރައީސް އިބްރާހީމް ޝަލީޒް ވިދާޅުވީ އެދެގެއަށް ދިމާވެގެން އުޅޭ މައްސަލަ ހައްލު ނުކުރެވިފައިވަނީ އީދު ބަންދު ދުވަސްތަކާއި ދިމާވުމުގެ ސަބަބުން ގަންނަން ބޭނުންވާ އާލާތްތައް ނުގަނެވިގެން ކަމަށެވެ. އަދި މިހަފްތާގެ ތެރޭގައި އެމައްސަލަ ހައްލުކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަން ދިމާވެގެން އުޅޭ އެއް ގެއެއްކަމަށްވާ ގުރައިދޫ ނިއުލައިފް ގެއިން ވާހަކަދެއްކި މީހަކު މިއަދު ސަން އަށް ބުނީ އެގޭގައި ތިން ފާހާނާއެކު ތިން ކޮޓަރި ހުންނައިރު އޭގެ ތެރެއިން ބޭނުން ކުރެވެނީ އެންމެ ކޮޓަރިއެއްގެ ފާހާނާ ކަމަށެވެ. އަދި އަނެއް ދެކޮޓަރިވެސް ބޭނުން ނުކުރެވޭއިރު އެދެކޮޓަރީގެ ފާހާތެރޭގައި މުޅިން ނަޖިސް ބޭރުފައި ހުރި ކަމަށް އޭނާ ބުންޏެވެ.
"އެދެ ކޮޓަރީގައި މުޅިން ނަޖިސް ވަސް ދުވަނީ، އަޅުގަނޑުމެން ބިރުން މިހުންނަނީ ބަލި މަޑުކަމެއް ކުރިމަތިވެދާނެ ތީވެސް" ނިއުލައިފް ގެއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ކުޑަ ކުއްޖަކާއެކު ޖުމުލަ ފަސް މީހުން ގޭގައި އުޅޭ. ދެ ކޮޓަރި ވެސް ބޭނުން ނުކުރެވޭ ނަޖިސް ވަސް ދުވާތީ މިއުޅެނީ ވަރަށް ހާލުގައި،"