03 Aug 2014, 12:58
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ތިން މެމްބަރަކަށް މަރުގެއިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް މަރުގެ އިންޒާރުދިން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
އެމްޑީޕީން ބުނީ އެ ތިންބޭފުޅުންގެ ފޯނަށް ފޮނުވި އެސްއެމްއެސްތަކުގައި ވަނީ "ފާޑު ފާޑު ކުރަންޏާ މަރާލާނަން" މިއިބާރާތުން ލިޔެފައި ކަމަށެވެ. އަދި އެ މެސެޖުތައް ފޮނުވާފައި ވަނީ އަންލިސްޓެޑް ނަންބަރަކުން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ.