03 Aug 2014, 12:35
ފާއިތުވި 13 އަހަރު ޗެލްސީއަށް ކުޅުނު އިނގިރޭސި މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ލޯން އެއްބަސް ވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ގުޅެން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
ހުސްވި ސީޒަންގައި ޗެލްސީ ދޫކޮށް އެމެރިކާގެ ނިއުޔޯކް ސިޓީ އެފްސީއާ ގުޅުނު ލަމްޕާޑް މެންޗެސްޓާ ސިޓީއަށް ދަނީ އެމެރިކާ ލީގު ފެށުން ލަސްވުމާ ގުޅިގެން، އޭނާގެ ފިޓްނަސް ރަނގަޅު ކުރުމުގެ ގޮތުން ކަމަށް ބުނެއެވެ. އެމެރިކާ ލީގު ފަށާނީ އަންނަ އަހަރުގެ ކުރީ ކޮޅު ކަމަށް ވެސް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.
އުމުރުން 36 އަހަރުގެ ލަމްޕާޑް ނިއު ޔޯކް އެފްސީއާއި ގުޅިފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުންނެވެ.
ލަމްޕާޑް ސިޓީއަށް ބަދަލުވާނެ ކަމުގެ އަޑުތައް ތަފާތު ގޮތްގޮތަށް މީޑިއާތަކުގައި ދައްކާއިރު، ސިޓީގެ ކޯޗް މެނުއަލް ޕެލެގްރީނީ ވަނީ ލަމްޕާޑަށް ތައުރީފްކޮށް ވާހަކަ ދައްކާފައި ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުން އަންނަ ބުދަ ދުވަހުގެ ވަގުތެއްގައި ލަމްޕާާޑް ސިޓީއާ ގުޅޭނެ އެވެ.