ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފްގެ މައްޗަށް ތުހުމަތުކުރެވި ހުށަހެޅިފައިވާ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާ ގުޅިގެން އޭނާ އޮފީހަށް ނުކުންނަވަން ފައްޓަވައިފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ބާރީ އޮފީހަށް ނުކުންނަވަން ފެއްޓެވީ މިއަދު ކަމަށެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ގާޒީ ބާރީ ހުންނެވީ ސަސްޕެންޝަންގަ އެވެ. އެއީ ބާރީއާ ދެކޮޅަށް ސުލޫކީ މައްސަލައެއް ބަލަމުންދާތީ، އޭނާ ސަސްޕެންޑުކުރުމަށް ކޮމިޝަނުން ފާސްކުރުމުންނެވެ.

ގިނަ ދުވަސްތަކަކަށްފަހު އެ މައްސަލަ ބަލައި ނިންމުމަށްފަހު ޖޭއެސްސީން ބުނެފައި ވަނީ ގާޒީ ބާރީއާ ދެކޮޅަށް ހުށަހެޅުނު ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށެވެ. އެހެންކަމުން އެ ކޮމިޝަނުން ވަނީ އޮފީހަށް ނުކުންނެވުމަށް އޭނާ އަށް އަންގާފަ އެވެ.