އދ. މަޖިލިސް (އޮގަސްޓް 3): އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާނާއި ގަތްލުއާންމުތަކުގައި ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ އާންމުންގެ ތެރެއިން 30 އިންސައްތަ އަކީ ކުޑަކުދީން ކަމަށް ޔުނިސެފުން ބުނެފި އެވެ.

ކުޑަކުދިންނާބެހޭ އދ. ގެ ޖަމްއިއްޔާ، "ޔުނިސެފް"އިން ބުނީ އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 300 އަށްވުރެ ގިނަކުޑަކުދީން ޝަހީދުކޮށްލާފައިވާ ކަމަށާއި މީގެތެރޭގައި 190 ފިރިހެން ކުދީންނާއި 110 އަންހެން ކުދީން ހިމެނޭ ކަމުގައެވެ. މީގެއިތުރުން ދެ ހާހަށްވުރެ ގިނަ ކުޑަކުދީން އިސްރާއީލުގެ ހަމަލާތަކުގައި ޒަޚަމްކޮށްލާފައިވާ ކަމަށްވެސް ޔުނިސެފުން ނެރުނު ބަޔާނެއް ބުނެއެވެ.

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ އުދުވާނުގައި ފަލަސްތީނުގެ ކުށެއްނެތް އާންމުން މަރައި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުން ގެންދާތީ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ އެހެން ވެރިންގެ މައްޗަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގައި ދައުވާ އުފުލުމަށް ގޮވާލެވޭ ގޮވާލުންތައްވަނީ އިތުރު ވެފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައެއް ފަރާތްތަކުން ވަނީ މިކަމަށް މަސައްކަތްވެސް ފަށާފައެވެ. ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ އުދުވާނުގައި އިސްރާއީލުން ބޮޑު ތިން ގަތުލުއާންމެއް ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާފައިވެއެވެ. މީގެތެރޭގައި ޣައްޒާގެ އައްޝުޖާއިއްޔާ އަވަށުގައި ގަތުލުއާންމެއް ހިންގައި 70 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލުމާއި ޣައްޒާގެ ޚުޒާޢާ އަވަށުގައި ގަތުލުއާންމެއް ހިންގައި 60 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލުމުގެ އިތުރުން ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފްހުގައި ގަތުލުއާންމެއް ހިންގައި ފަލަސްތީނުގެ 80 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލުން ހިމެނެއެވެ.

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފްހުގައި އިސްރާއީލުން އިއްޔެ ހިންގި ގަތުލުއާންމުގައި ޝަހީދުކޮށްލާފައިވާ 80 މީހުންގެ ތެރޭގައިވެސް ގިނައީ އަންހެނުންނާއި ކުޑަކުދީން ކަމަށް ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއިން ބުނެފައި ވެއެވެ. މި ގަތުލުއާންމު ހިންގާފައިވަނީ ހަމާސް އިން އިސްރާއީލު ސިފައިންގެ އޮފިސަރަކު ހައްޔަރުކުރި ކަމަށް ބުނެފައެވެ. ނަމަވެސް މިއޮފިސަރު ހައްޔަރު ނުކުރާ ކަމަށާއި މި އޮފިސަރުވަނީ ޚުދު އިސްރާއީލު ސިފައިންގެ ޙަމަލާއެއްގައި މަރުވެފައި ކަމަށް ހަމާސުން މިދިޔަ ހުކުރު ދުވަހު ބުނެފައި ވެއެވެ. އެމެރިކާއާއި އދ. އިން ވަނީ އިސްރާއީލުގެ ބުނުންތަކަށް ބުރަވެ މިއޮފިސަރު ހައްޔަރު ކުރިކަމުގެ ތުހުމަތު ހަމާސްގެ ބޮލުގައި އަޅުވައި އެމީހާ ވަގުތުން މިނިވަން ކުރުމަށް ހަމާސްއަށް ގޮވާލާފައެވެ. ނަމަވެސް އެންމެފަހުން ރޭ އިސްރާއީލުގެ ސިފައިން ނެރުނު ބަޔާނެއްގައި ވަނީ ޣައްޒާގެ ރަފްހުގައި ބަދަލުކުރެވުނު ޙަމަލާތަކެއްގައި އިސްރާއީލުގެ އޮފިސަރު މަރުވީކަމަށް ބެލެވޭކަމަށް ބުނެފައެވެ.

އިސްރާއީލުން އިއްޔެ ޣައްޒާއަށް ދިން ހަމަލާތަކުގައި ވެސް ފަލަސްތީނުގެ 100 އަށްވުރެ ގިނަމީހުން ޝަހީދުކޮށްލާފައި ވެއެވެ. އަދި މިހާރު ހިންގާ އުދުވާނުގައި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދުވަނީ 1700 އަށްވުރެ މައްޗަށް ގޮސްފައެވެ. އަދި ޒަޚަމްކޮށްލި މީހުންގެ އަދަދުވެސް ވަނީ ހަތް ހާހަށްވުރެ މައްޗަށް އަރާފައެވެ. (އަލްޖަޒީރާ)