ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އަދާލަތު ޕާޓީން ކުރިއަށް ގެންދާ އެހީ ހޯދުމުގެ ހަރަކާތުގެ ދަށުން ބ. މާޅޮހުގައި ބަހައްޓާފައިހުރި ފަންޑު ފޮށި ވަގަށް ނަގައިފި އެވެ.

މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު "ސަން"އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެރަށު މިސްކިތު ގޯތި ތެރޭގައި ބަހައްޓާފައިހުރި ފަންޑު ފޮށި މިދިޔަ ބުރާފަސްތި ދުވަހު ވަގަށް ނަގައިގެން ގެންގޮސްފައި ވާ ކަމަށެވެ. އަދި އެ ފޮށި އެރަށުގެ ފަޅު ގޯއްޗެއްގެ ތެރޭގައި އޮއްވައި މިއަދު ފެނިފައިވާއިރު އޭގައި އެއްވެސް ފައިސާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

" މީގެ ކުރިންވެސް މި ގޮތަށް އެހީ ހޯދުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ފަންޑު ފޮށި ބަހައްޓަނީ މިސްކިތުގައި. އަދި ރޭގަނޑު ވުމުން މިސްކިތްތެރެއަށް ލަނީ. އެ ތަޖުރިބާއަށް ފަހު މި ފަހަރުވެސް ފަލަސްތީނުގެ ރައްޔިތުނަށް އެހީވުމަށް ބެހެއްޓި ފަންޑުފޮށި މިސްކިތު ގޯތި ތެރޭގައި ބެހެއްޓީ. ނަމަވެސް ބުރާސްފަތި ދުވަ ވަނީ ފަންޑު ފޮށި ވަގަށް ގެންގޮސްފައި. މިއަދު އެ ފޮށި ފެނުނީ ރަށުގެ ވަލާ ކައިރީ ހުރި ފަޅު ގޯއްޗެއްގެ ތެރެއިން، " ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ، ފަންޑު ފޮށި ބެހެއްޓީ ރަށުގެ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށާއި އެ ފޮށި ވަގަށް ނެގިއިރު އެ ފޮށީގައި 10000 ވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ފުލުހުނަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.