އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލޭއޮހޮރުވުމާ ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާގެ އެތައް ހާސް ރައްޔިތުންނެއް އިއްޔެ މުޒާހަރާކޮށްފިއެވެ.

އެމެރިކާގެ އޭބީސީ ނިއުސް އިން ބުނީ އިސްރާއީލުގެ އުދުވާނާ ދެކޮޅަށް އިއްޔެ މުޒާހަރާކުރީ ވެރިރަށް ވޮޝިންޓަންޑީސީގައި، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް ކުރިމަތީގައި ކަމަށެވެ.

މުޒާހަރާ އިންތިޒާމުކުރީ ހަނގުރާމައާއި ނަސްލީ އިމްތިޔާޒާ ދެކޮޅު ހަދާ ޖަމާއަތެއް ކަމަށްވާ " އާންސްވާ" ނަމަކަށް ކިޔާ ގްރޫޕަކުންނެވެ.

"ފަލަސްތީނު މިނިވަން ކުރޭ، ޣައްޒާ ރައްޔިތުން ދިރިއުޅުނަދީ" މިފަދަ އިބާރާތްތައް ލިޔެފައިވާ ބޯޑްތަކާއި ފަލަސްތީނު ދިދަތައް އެއްވި މީހުން ގެންގުޅުނެވެ. އޭބީސީ އިން ބުނީ އެ އެއްވުމާ ދެކޮޅުހަދައި އިސްރާއީލަށް ތާއީދުކުރުމަށް ވެސް މަދު ބަޔަކު އެއްވި ކަމަށެވެ. އަދި ބުނީ އެމީހުންނާ ޣައްޒާއަށް ތާއީދުކުރާ މީހުންނާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރި ނަމަވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ.

އެމެރިކާ ސަރުކާރުން އިސްރާއީލަށް ތާއީދު ކުރާތީ އެކަމާ ދެކޮޅަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލާފައެވެ.

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އުދުވާންތައް ހިންގަމުން ދަނިކޮށް އިސްރާއީލަށް 225 މިލިޔަން ޑޮލަރުގެ އެހީ ދިނުމަށް އެމެރިކާގެ ކޮންގްރެސް އިން ހުކުރު ދުވަހު ވަނީ ފާސްކޮށްފައެވެ.

އިސްރާއީލުގެ ދިފާއީ އައްޑަނަ (ރޮކެޓް ހުއްޓުވާ ނިޒާމު) އަޔަން ޑޯމް އިތުރަށް ވަރުގަދަ ކުރުމަށް އެގައުމަށް 225 މިލިޔަން ޑޮލަރު ދިނުމަށް އެމެރިކާގެ ކޮންގްރެސް އިން ފާސްކުރީ ހުކުރު ދުވަހު އެވެ. އެހީދޭން ފެނޭތޯ ނެގި ވޯޓްގައި ފެންނަ ކަމަށް 395 މެމްބަރުން ވޯޓު ދިން އިރު އެކަމާ ދެކޮޅަށް ވޯޓު ދިނީ އަށް މެމްބަރުން ކަމަށް އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުންޏެވެ.

އިސްރާއީލަށް އެހީދޭން ފާސްކުރި ބިލު މިހާރު ވަނީ ސޮއިކުރެއްވުމަށް ޓަކައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ފޮނުވައިފަ އެވެ.

އަޔަން ޑޯމް ވަރުގަދަކުރުމަށް މިހާ ގިނަ އަދަދެއްގެ ފައިސާދޭން އެމެރިކާއިން ނިންމާފައި މިވަނީ އިސްރާއީލަށް ހަތިޔާރު ފޮނުވިކަން އެމެރިކާ އިން ހާމަކުރިތާ ދެދުވަސް ފަހުންނެވެ.

އެމެރިކާގެ މިފަދަ ބޮޑު އެހީއާ އެކު އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ އުދުވާނުގައި ޝަހީދުވީ މީހުންގެ އަދަދު މިހާރު ވަނީ 1721 އަށް އަރައިފަ އެވެ. އަދި ޒަޚަމްވީ މީހުންގެ އަދަދު ވަނީ 9100 އަށް އަރައިފަ އެވެ.