03 Aug 2014, 11:22
ޓެލްއަވީވް (އޮގަސްޓް 3): ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތައް ބަލި ކުރެވޭނެކަމުގެ އުންމީދު ކުޑަވެ އިސްރާއީލު ސިފައިންނަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާން ކުރިޔަށް ގެންދިޔުމާމެދު އިސްރާއީލުގެ ހަރުކަށި ވެރިންގެ މެދުގައި ޚިލާފްތައް އުފެދިފައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
އިސްރާއީލު ސަރުކާރުގެ ބައެއް މަސްދަރުތަކާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން އިއްޔެ ބުނެފައި ވަނީ އިސްރާއީލުގެ ސިފައިންގެ މި ނާކާމިޔާބީއާ ގުޅިގެން ހަމަލާތައް ހުއްޓާލުމުގެ ނިންމުމެއް ކުރިޔަށް އޮތް 48 ގަޑީއިރުތެރޭގައި އިސްރާއީލުގެ ސަރުކާރުން ނިންމުމަކީ ވަރަށް ގާތްކަމެއް ކަމުގައެވެ.
އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރާއެކު އިސްރާއީލު ސިފައިންގެ ތެރޭގައި ހިމެނޭ އެންމެ ބާރުގަދަ ލަޝްކަރުތަކުން ޣައްޒާއާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގައި ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންގެ އެތަށްސަތޭކަ ބަޔަކު ޝަހީދުކޮށް ގަތްލުއާންމުތައް ހިންގުމުގައި ކާމިޔާބު ތަކެއް ޙާސިލްކުރިނަމަވެސް ފަލަސްތީނުގެ މުޖާހިދުންގެ މައްޗަށް ކުޑަވެސް ކާމިޔާބެއް ހޯދުމުގައި އިސްރާއީލުގެ ބާރުގަދަ ލަޝްކަރުތައްވަނީ ނާކާމިޔާބު ވެފައެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތައް މުޅިން ނައްތާލުމުގެ ސްޓްރެޓެޖީއެއްގެ ދަށުން އިސްރާއީލުން ފެށި ޣައްޒާގެ ހަނގުރާމައިގެ މަގްސަދްތައް ހާސިލް ކުރުމަށްފަހު ނިންމުމަށް އިސްރާއީލުގެ އަސްކަރީ ރޭވުންތެރިން ނިންމާފައި ވަނީ 13 ދުވަހުގެ ތެރޭގައެވެ. ނަމަވެސް ޣައްޒާއަށް އިސްރާއީލު ދޭ ހަމަލާތަކާއި މީހުން މެރުމުގެ ގަތްލުއާންމުތައް ތިން ހަފްތާއަށްވުރެ ދިގުލައިގެން ދިޔައިރުވެސް އިސްރާއީލު ސިފައިންނަށް ފަލަސްތީނުގެ މުޖާހިދުންގެ ރޮކެޓް ހަމަލާތައް ހުއްޓުވިފައެއް ނުވެއެވެ. އަދި ހަމާސް ޖަމާއަތް ބަލިކޮށްލެވިފައެއް ވެސް ނުވެއެވެ.
މުޖާހިދުންގެ ރޮކެޓް ހަމަލާތަކުގެ މަރުކަޒުތައް ހުރިތަންތަނާއި ރޮކެޓް އުފައްދާ ތަންތަންވެސް ނައްތާލެވިފައެއް ނުވެއެވެ. މީގެބަދަލުގައި އިސްރާއީލުގެ ބާރުގަދަ ލަޝްކަރުތަކަށް ހަލާކުކޮށްލެވިފައި ވަނީ ޣައްޒާގެ އާންމު ރައްޔިތުންގެ ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި މިސްކިތްތައްފަދަ މަދަނީ މުއައްސަސާތަކެވެ. އާރެއް ބާރެއް އަދި ހަތިޔާރެއް ނެތް ތަންތަނެވެ. އަނެއްކޮޅުން އެއްގަމު މަގުން ޣައްޒާއަށް ވެދެގަތުމަށް މަސައްކަތްކުރި އިސްރާއީލު ސިފައިންގެ އެންމެ ބާރުގަދަ ޔުނިޓްތައް ވެސް ވަނީ ޣައްޒާގެ އެތެރެއަށް ވަދެގަތުމުގައި މުޅިން ނާކާމިޔާބު ވެފައެވެ. އަދި ޣައްޒާގެ ރަފްހު ސަރަހައްދުން އެއްކިލޯމީޓަރު ފުނަށް ވަދެގަތް އިސްރާއީލު ސިފައިންގެ ޔުނިޓަށް ވެސް ލިބުނު ގެއްލުންތައް ބޮޑުކަމުން އެޔުނިޓްގެ ސިފައިން ވެސް މިހާރު ގެންދަނީ ފައިބަމުން ކަމަށް އިސްރާއީލުގެ ނޫސްތައް ބުނެއެވެ.
އިސްރާއީލުގެ އަޅުވެތިކަމާ ދެކޮޅަށް ރޮކެޓް ހަމަލާތައް ދިނުމަށް ފަލަސްތީނު މުޖާހިދުން ބޭނުންކުރާކަމަށް އިސްރާއީލު ބުނާ ބިންގަރާސްތަކާ ހަމައަށްވެސް އިސްރާއީލުގެ އެއްގަމު ސިފައިންނަށް ދެވިފައި ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އިސްރާއީލުގެ މީޑިޔާއިން ގެންދަނީ މުޖާހިދުންގެ ގިނަ އަދަދެއްގެ ބިންގަރާސްތައް ހަލާކުކޮށްލެވިފައިވާ ކަމަށްބުނެ އިސްރާއީލުގެ އާންމުންގެ ނުތަނަވަސްކަން ކުޑަކުރުމަށް ސިފައިންގެ މުއައްސަސާއާ ގުޅިގެން ޕްރޮޕަގެންޑާތަކެއް ފަތުރަމުންނެވެ.
މުޖާހިދުންގެ ބިންގަރާސްތަކަށް ވާސިލް ވުމަށްޓަކައި ޣައްޒާގެ އެތެރެއަށް ވަދެގަންނަން އުޅުނު އިސްރާއީލު ސިފައިންގެ ލަޝްކަރުތަކުގެ ކުރިއެރުން ފަލަސްތީނު މުޖާހިދުންގެ ހިއްވަރުގަދަ ހަމަލާތަކުގެ ސަބަބުން ހުއްޓުވިފައި ވާއިރު އިސްރާއީލު ސިފައިންގެ 63 މީހުން، މުޖާހިދުންގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ޚުދު އިސްރާއީލު ވެސް ވަނީ އެއްބަސްވެފައެވެ.
މިއީ އިސްރާއީލުގެ ކުޑަކުޑަ އަދި އިތުރުނުވާ އާބާދީއަށް ބަލާއިރު އިސްރާއީލަށް ތަހައްމަލްކުރަން އުނދަގޫ ގެއްލުމެކެވެ.
އަނެއްކޮޅުން ފަލަސްތީނު މުޖާހިދުންގެ އަސްކަރީ މަރުކަޒުތައް ހުންނަ ބިންގަރާސްތައް ނައްތާލުމަށް ޣައްޒާގެ ތެރެއަށް އިސްރާއީލު ސިފައިން ވެއްދުމަކީ މުޖާހިދުންގެ ކުއްލި ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ގިނަބަޔަކު މަރުވެގެންދާނެ ކަމަކަށްވާތީ މިއީ އިސްރާއީލުގެ ސިފައިންނަށް ތަހައްމަލް ނުކުރެވޭނެ ކަމެއް ކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ. މިކަންކުރަން އިސްރާއީލުން އުޅެފިނަމަ އަހަރެއްހާ ދުވަސް ހޭދަވެ އިސްރާއީލު ސިފައިންގެ އެތަށް ހާސްބަޔަކު މަރުވާނެ ކަމަށްވެސް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ. މިކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހު އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ޣައްޒާގެ ހަމަލާތައް ކުރިޔަށްގެންދިޔުމަށް އިސްރާއީލުގެ ބައެއް ވަޒީރުން ތާއީދުކުރެއްވި ނަމަވެސް ގިނަ ވަޒީރުން ތާއީދުކުރައްވާފައިވަނީ ޣައްޒާއާ ދެކޮޅަށް މިހާރު ކުރިޔަށްގެންދާ ހަނގުރާމަ ހުއްޓާލުމަށްފަހު ޣައްޒާއަށް ފޮނުވި އިސްރާއީލު ސިފައިން، ބައިނަލްއަގްވާމީ ގެރެންޓީއެއްގެ ދަށުން ޣައްޒާއިން ބޭލުމަށް ކަމަށް އިސްރާއީލުގެ ނޫސް ރިޕޯޓްތައް ބުނެއެވެ.
ޣައްޒާއާ ދެކޮޅަށް ހިންގަމުން ގެންދާ އުދުވާން ހުއްޓާލުމާމެދު އިއްޔެ ބޭއްވި އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ގޮތެއް ނިންމާފައި ނުވިނަމަވެސް ކުރިޔަށްއޮތް 48 ގަޑީއިރުތެރޭގައި އިސްރާއީލުން މިކަމާމެދު ގޮތެއް ނިންމުމަކީ ވަރަށް ގާތްކަމެއް ކަމަށް އިސްރާއީލުގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލު ވަލީދުލްއުމަރީވެސް ވަނީ ބުނެފައެވެ.
އިސްރާއީލުގެ ޝަރުތުތަކަށް ބޯލެނބުމަށް ހަމާސްއިން ދެކޮޅު ހެދުމާއެކު އަމިއްލައަށް ހަމަލާތައް ހުއްޓާލުމާމެދު އިސްރާއީލު ވިސްނާ ކަމުގެ އެންމެ ބޮޑު ހެއްކަކީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ވުޖޫދަށް ގެނައުމަށް ގާހިރާގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ހާޒިރުނުވާނެ ކަމަށް އިސްރާއީލުން ބުނުން ކަމަށްވެސް އަލްޖަޒީރާ ޚަބަރުދެއެވެ. (އަލްޖަޒީރާ)