03 Aug 2014, 11:22
އަޑިޕާކު ތެރޭ، ގައިގެ އެކި ތަންތަނަށް ވަޅި ހެރުމާއި ގުޅިގެން ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ޒުވާނާ ވަޅު ލައިފި އެވެ.
ހަށިގަނޑުގެ 11 ތަނަކަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ ނ. މިލަދޫ، ދިއްގާމާގޭ އުމުރުން 20 އަހަރުގެ އަހްމަދު މާޒިން އެވެ. މާޒިން ވަޅުލާފައިވަނީ ރޭ ފަތިސް ނަމާދަށްފަހު އާސަހަރާގަ އެވެ.
މިލަދޫން ވާހަކަ ދެއްކި މީހަކު ބުނީ މާޒިން ވަޅުލިއިރު، އޭނާގެ ބައްޕަ އާއި މަންމަ އަށް މާލެ ދެވޭނެ ގޮތެއް ނެތިގެން ތިބީ ރަށުގައި ކަމަށެވެ.
"ވަރަށް ގިނަ ގޮތް ގޮތަށް ބެލި މާޒިންގެ މޫނު ބަލަން ދެވޭތޯ. އެއްވެސް ފުލައިޓަކުން ޖާގަ އެއް ނުލިބުނު. މިތާ ކައިރި ރިސޯޓު ތަކަށް ގުޅައިގެން އެކަން ހިނގިއިރުން ފެށިގެން ވަރަށް މަސައްކަތް ކުރި. ކަނޑުމަގުން ވެސް މާލެ ދެވޭނެ އަވަސް ގޮތެއް ނެތިގެން ވަޅުލީ،" މިލަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
މާޒިންގެ މައްޗަށް މިލަދޫ ގައި ކަށުނަމާދު ކުރުން އޮންނާނީ މިއަދުގެ މެންދުރު ނަމާދަށްފަހު އެވެ.
މާޒިންގެ ބުރަކައްޓަށް ވަޅިން ހަމަލާދިނުމުން އެންމެ ފުރަތަމަ އޭނާ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. ނަމަވެސް އޭޑީކޭގައި މާޒިން ބެލި ޑޮކްޓަރު އޭނާ ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދު ކަނޑާލުމުން ދެން އޭނާ ގެންދިޔައީ އައިޖީއެމްއެޗަށެވެ.
މާޒިންގެ ގަޔަށް ވަޅިހެރީ އޭނާ މާލޭގައި ދިރިއުޅޭ ގޭގެ އިތުރު މީހަކާ އެކު އަޑިޕާކުގައި ހުއްޓައެވެ. އެ ހާދިސާގައި ހ. ޝައިބާން އަލީ އާރިފުގެ ކަނާތު އަރިކައްޓަށް ވަނީ ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފަ އެވެ.