ކޮންމެ ދުވަހަކު ހެނދުނު 7:00 އިން ފެށިގެން 9:00އާ ދެމެދު އެސްއެމްއެސް އެއް ކޮށްގެން ޑޭޓާ ލިބޭ ޕްރޮމޯޝަންގެ މުއްދަތު އުރީދޫ އިން އިތުރުކޮށްފި އެވެ.

އުރީދޫގެ ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހުމަދު ދީދީ މިއަދު 'ސަން' އަށް ވިދާޅުވީ އެ ކުންފުނިން ރަމަޟާން މަހާ ދިމާކޮށް ފަށާފައިވާ ޑޭޓާ ލިބޭ ޕްރޮމޯޝަނާއި،ޚަރަދު ކުރި އަދަދުގެ ފަސްގުނަ އިތުރަށް ކްރެޑިޓް ލިބޭ ޕްރޮމޯޝަންގެ މުއްދަތު ވެސް އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ ދުވަހަކު ހެނދުނު 7:00 އިން ފެށިގެން 9:00 އާއި ދޭތެރޭ، މެސެޖެއްގައި “GO” ޖެއްސެވުމަށް ފަހު 5500 އަށް މެސެޖެއް ކުރުމުން 50 އެމްބީގެ ޑޭޓާ ހިލޭ ލިބޭ ޕްރޮމޯޝަން ގެ މުއްދަތު މިމަހު ފަސްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޮންމެ ދުވަހަކު 10 ރުފިޔާ އިން މަތިން ޚަރަދު ކުރުމުން، ޚަރަދު ކުރި އަދަދުގެ ފަސްގުނަ އިތުރަށް ކްރެޑިޓް ލިބޭ ޕްރޮމޯޝަން ގެ މުއްދަތު މި އޮގަސްޓް މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރަމަޟާން މަހާ ދިމާކޮށް އަޅުގަނޑުމެންގެ ހިންގި ހުރިހާ ޕްރޮމޯޝަން ތަކަށް ވެސް ކަސްޓަމަރުންގެ ވަރަށް ފުރިހަމަ ތަރުހީބެއް އަންނަނީ ލިބެމުން. އެހެންވެ ކަސްޓަމަރުންގެ ޑިމާންޑް ބޮޑުވީމަ އަޅުގަނޑުމެންގެ ޕްރޮމޯޝަން ތަކުގެ މުއްދަތު އިތުރުކުރީ،" މަރިޔަމް އަހުމަދު ދީދީ ވިދާޅުވި އެވެ.

އެސްއެމްއެސް ކޮށްގެން ޑޭޓާ ލިބޭ ޕްރޮމޯޝަންގައި ބައިވެރިވެވެނީ އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނާއި މިކްސް ކަސްޓަމަރުންނަށެވެ. އަދި ޚަރަދުކުރި އަދަދުގެ ފަސްގުނަ އިތުރަށް ލިބޭ ޕްރޮމޯޝަންގައި ބައިވެރި ވެވެނީ އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށެވެ.