13 Jan 2011, 19:20
ސަން އޮންލައިން ވެބްސައިޓްގެ އާ ފަރުމާ ރޭ ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
ސަން މިޑިޔާ ގްރޫޕްގެ ސަންއެފްއެމުން، ގަރުނުގެ ލަވަކިޔުންތެރިޔާ މަރުހޫމް ނައިފަރު ދޮހޮއްކޮގެ ހަނދާނުގައި ނެރެމުން އަންނަ "ވާ ހަނދާނަކުން" ސިލްސިލާގެ ދެވަނަ އަލްބަމް ރިލީޒް ކުރަން ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ސަންގެ އާ ވެބްސައިޓް، އިފްތިތާހުކޮށްދެއްވީ ސަން މިޑިޔާ ގްރޫޕްގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދު އެވެ.
ސަން އޮންލައިން، އާ ފަރުމާއާއެކު ރަސްމީކޮށް އިފްތިތާހު ކުރިއިރު ނޫހުގެ ޑޮމެއިން ނަން ވެސް ވަނީ "ސަން ޑޮޓް އެމްވީ" އަށް ބަދަލުކޮށްފަ އެވެ.
ސަން އޮންލައިން ފަރުމާކޮަށްފައި ވަނީ ސެމީ ކޯލޮން ޕްރައިވެޓް ލިމިޓެޑުންނެވެ. ސެމިކޯލަން އަކީ ސަން އޮންލައިނަަށް ގެންނަންޖެހޭ ހުރިހާ ބަދަލެއް ދުވަހުން ދުވަހަށް ބަލައި ދިރާސާކޮށް ކޮންސަލްޓަންސީ ދޭ ފަރާތް ވެސް މެއެވެ.
ސެމިކޯލަންގެ ކްރިއޭޓިވް ޑައިރެކްޓަރު ނަސްރުﷲ އަދުނާން (ނައްޓު) މިއަދު ވިދާޅުވީ، ސަންގެ އާ ވެބްސައިޓަކީ ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ އޮންލައިން ނޫސް، ވެބްސައިޓްތަކުގެ ލޭއައުޓާ މުޅިން ތަފާތުކޮށް ފަރުމާ ކޮށްފައިވާ ނޫހެއް ކަމަށާއި އިތުރު ބަދަލުތައް ގެނެސް ކިޔުންތެރިންނާ ވަރަށް ބޮޑަށް ގުޅިގެންދާނެ ނޫހަކަށް ވަރަށް އަވަހަށް ސަން ބަދަލުވެގެންދާނެ ކަމަށެވެ.
~
"އާއްމުކޮށް ދިވެހިން ހޭނިފައިވާ ނިއުސް ފްލޯ އަޅުގަނޑުމެން ވާނީ ބަދަލުކޮށްފަ. އާންމުކޮށް ވާތްފަރާތުން އަންނަ އާޓިކަލާއި ޚަބަރު ލިސްޓުގެ ބައި ދުއްވާލާފައި ތަންކޮޅެއް ބޮޑަށް، ހޯމް ޕޭޖުން މުޅި ދުވަހުގެ ހުރިހާ އެއްޗެއް ފެންނަ ކަހަލަ ގޮތަކަށް ބަދަލުކޮށްފައި ވާނެ،" ރާއްޖޭގައި މަގުބޫލުކަން ހޯދާފައިވާ ގިނަ ވެބްސައިޓްތައް ފަރުމާކޮށްފައިވާ ނައްޓު ވިދާޅުވި އެވެ.
ސަންގެ އާ ވެބްސައިޓް ފަރުމާކޮށްފައިވަނީ ވަކިވަކި ނޫސްވެރިންނާއި ލިޔުންތެރިންގެ އާޓިކަލްތައް ބަލައިލެވޭ ގޮތަށެވެ. ލިޔުންތައް ޓެގް ކުރެވޭ ގޮތް ހަދާފައިވުމުން ވަކި މައުލޫއަކުން ބަލަން ބޭނުންވާ މައުލޫމާާތާއިި ޚަބަރުތައް ފަސޭހައިން ފެންނަން ހުރެ އެވެ.
"މިނޫނަސް ވަރަށް ގިނަ ބަދަލުތައް ހުންނާނެ. ކިޔުންތެރިންގެ ލޯމައްޗަށް އަދި އަޅުގަނޑުމެން ދޫނުކޮށްލާ ވަރަށް ގިނަ ބަދަލުތައް ވެސް ހުންނާނެ، ވަރަށް ގިނަ ތަފާތުތައް އަދި ފެންނާނެ،" ނައްޓު ވިދާޅުވި އެވެ.
މީގެ އިތުރުން ނައްޓު ވިދާޅުވީ ސަންގެ އާ ވެބްސައިޓަށް ޚާއްސަކޮށްފައިވާ އައިފޯން އެޕްލިކޭޝަނެއް ވެސް މި މަހުގެތެރޭ ތައާރަފްކުރާނެ ކަމަށާއި އެ މަސައްކަތް މިހާރު ވަރަށް ބާރަށް ހިނގަމުން އަންނަ ކަމަށެވެ.
"އައިފޯން އެޕްލިކޭޝަނެއް ބިލްޑް މިކުރަނީ ފޯނަށް ތާނަ އިތުރު އެއްވެސް ފޮންޓެއް އެޅުމެއް ނެތި ސަންގެ ޚަބަރުތައް ބަލައިލެވޭ ގޮތަށް. އޭރުން ހޯމްޕޭޖްގައި ހުންނަ ގޮތަށް އާޓިކަލްތަކާއި ފޮޓޯތައް ވެސް ބަލައިލެވޭނެ، މީގެ އިތުރުން ސަން މިޑިޔާ ގްރޫޕްގެ ރޭޑިއޯ، ސަންއެފްއެމްވެސް އައިފޯނުން އަޑު އަހައިލެވޭނެ ގޮތް މި އެޕްލިކޭޝަންތެރެއިން ފަރުމާ ކުރަން އަޅުގަނޑުމެން އެބަ ބަލަން" އައިފޯ އެޕް ޑިވެލޮޕާ، "ނިޑް" އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ތައްޔާރުކުރާ އެޕްލިކޭޝަނާ ބެހޭ ގޮތުން ނައްޓު ވިދާޅުވި އެވެ. "އަޅުގަނޑު މި އުންމީދު ކުރަނީ ސަން އައިފޯން އެޕްލިކޭޝަންގެ ބީޓާ ވާޝަން، ނުވަތަ ވަގުތީ އެޕްލިކޭޝަނެއް މި މަސް ނިމުމުގެ ކުރިން އާންމުންނަށް، ކިޔުންތެރިންނަށް ދޫކޮށްލެވޭނެ ކަމަށް،"
ސަން މީޑިއާ ގްރޫޕްގެ ކުޑައިގެ ދަށުން ވަކި މީޑިއަމެއްގެ ގޮތުގައި ސަން އޮންލައިން ރަޖިސްޓްރީކޮށްފައި ވަނީ ޖޫން 16 2010ގަ އެވެ. ނަމަވެސް ރަސްމީކޮށް ސަން އޮންލައިން ހިންގަން ފެށީ މިދިއަ އަހަރުގެ އޯގަސްޓް މަހުގެ ކުރީކޮޅު އެވެ.
ސަން އޮންލައިން ރަސްމީކޮށް ހިންގަން ފެށުމާއެކު ހަބަރު ފެތުރުމުގައި ވެބްސައިޓުގެ މަޝްހޫރުކަން ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. އެގޮތުން ސަން އޮންލައިން ކިޔާ މީހުންގެ އަދަދު 36 ޕަސަންޓަށް ވަނީ އިތުރުވެފަ އެވެ. އަދި އެވްރެޖްކޮށް ވެބްސައިޓުގައި މީހަކު ހަތް މިނެޓާއި އަށް މިނެޓާ ދެމެދުގެ ވަގުތު ހޭދަކުރެ އެވެ. ރާއްޖެއިން ބޭރުން ސަންއަށް އެންމެ ގިނައިން މީހުން ވަދެ އުޅެނީ މެލޭޝިޔާއިންނެވެ.