އެފްއޭއެމްގެ ދެ ނަންބަރު ޓާފް ދަނޑުގެ "ކާޕެޓް" ހަލާކުވެފައި ވާތީވެ، އެ ދަނޑުގެ ކާޕެޓް އަލުން އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ، ދެ ނަންބަރު ޓާފް ދަނޑު ވަރަށް ބޮޑަށް ހަލާކުވެފައި ވާތީވެ، އެ ދަނޑު އަޕްގްރޭޑް ކުރުމަށް ބޭނުން ވާތަކެތި ލިބި، އެތަކެތި މިހާރު ވަނީ ދަނޑަށް ގެނެވިފައި ކަަމަށެވެ. އަދި ދަނޑު އަޕްގްރޭޑް ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެ އްވެސް އެފްއޭއެމްއަށް ލިބިފައި ވަނީ ފީފާގެ ހިލޭ އެހީގެ ދަށުން ކަމަށް ޖަވާ ވިދާޅުވި އެވެ.

"ދަނޑުގެ މަސައްކަތް ކުރާނީ ވެސް ފީފާއިން ފޮނުވާ މީހުން. މަސައްކަތް އަންނަ މަހު ފެށޭނެ. ޓީމްތަކާ ވެސް ވާހަކަ ދައްކަމުން މިހާރު މިދަނީ މިލިބޭ ބްރޭކްގައި އެދަނޑު ހެދުމަށް ޓަކައި ވަގުތީ ގޮތުން ދަނޑު ބަންދުކޮށްލަން،" ޖަވާ ވިދާޅުވި އެވެ.

މާލޭގައި މިވަގުތު ޓާފް ދެ ދަނޑު އޮތްއިރު، އެންމެ ފުރަތަމަ ކާޕެޓް އެޅީ ޓާފް އެއްނަންބަރު ދަނޑުގައެވެ. އެއީ 2004 ވަނަ އަހަރުއެވެ. އެހެން ނަމަވެސް 2004 ގައި އެރި ސުނާމީގެ ސަބަބުން އެ ދަނޑަށް ބޮޑެތި ގެއްލުންތަކެއްވެ ހަލާކުވުމާ ގުޅިގެން 2005 ވަނަ އަހަރު އަލުން އެދަނޑުގެ ކާޕެޓް ވަނީ ބަދަލުކޮށްފައެވެ. އޭގެ ފަހުން ޓާފް އެއްނަންބަރު ދަނޑު ކާޕެޓް ބަދަލުކޮށްފައި ވަނީ 2011 ވަނަ އަހަރު އެވެ.

ޓާފް ދެ ނަންބަރު ދަނޑުގައި އެންމެ ފުރަތަމަ ކާޕެޓް އަޅާފައި ވަނީ 2007 ވަނަ އަހަރު އެވެ.