ރޯދަމަހާ ދިމާކޮށް ސްކޫލްތަކުގައި ކިޔަވައިދިނުން މެދުކަނޑާލުމުން ލިބުނު ބަންދާއި އީދަށް ލިބުނު ޗުއްޓީއަށްފަހު ސްކޫލްތަކުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ކިޔެވުން ފަށައިފައި ވާއިރު، އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މިއަހަރުގެ ފަހު ޓާމުގެ އެކަޑަމިކް ކަލަންޑަރަށް ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން، އެކަޑަމިކް ކަލަންޑަރުގައި ދެވަނަ ޓާމުގެ މިޑްޓާމް ބްރޭކް ކަމުގައި މިމަހުގެ 24 އިން 28 އަށް ހަމަޖައްސާފައި އޮތް ދުވަސްތަކަށް ބަދަލުގެނެސް ދެވަނަ ޓާމުގެ މިޑްޓާމް ބްރޭކް ކަމުގައި މިދިޔަ ޖުލައި މަހުގެ 20 އިން 24 އަށް ވަނީ ހަމަޖައްސާފަ އެވެ.

އެކަޑަމިކް ކަލަންޑަރަށް މިނިސްޓްރީން ގެނައި އެ ބަދަލާ ގުޅިގެން، ދެވަނަ ޓާމުގެ މިޑް ޓާމް ބްރޭކެއް ކުދިންނަކަށް ނުލިބޭނެ އެވެ. އަދި އެ ދުވަސްތަކުގައި ސްކޫލްތަކުގައި ކިޔަވައިދޭނެ އެވެ.

މީގެ އިތުރުން، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހާ ހަމައަށް، ހޮނިހިރު ދުވަސްތަކުގައި ކިޔަވައި ނުދީ، ފަސްދުވަހުގެ ކިޔެވުން ހަމަވާ ވަރަށް، އިތުރު ގަޑިތައް ނެގުމަށް ވެސް، މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފަ އެވެ.

މިއަހަރުގެ އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން، އަަހަރުގެ ފަހު ޓާމުގައި 95 ދުވަހު ކިޔަވައިދޭނެ އެވެ. އަދި ދެވަނަ ޓާމުގެ އިމްތިހާން 29 އޮކްޓޯބަރުން 13 ނޮވެމްބަރަށް ބާއްވާއިރު، ފަހު ޓާމުގެ ކިޔެވުން ނިމި، ސްކޫލްތައް ބަންދުވާނީ 21 ނޮވެމްބަރުގަ އެވެ.

މިފަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފެށީ ޖެނުއަރީ 14ގަ އެވެ. އަދި ފުރަތަމަ ޓާމުގެ ކިޔެވުން ވަނީ ޖޫން މަހުގެ ފަސް ވަނަ ދުވަހު ނިމިފައެވެ. ދެވަނަ ޓާމުގެ ކިޔެވުން ޖޫން މަހުގެ 15 ގައި ފެށިއިރު، ޕްރީ ސްކޫލްތަކާއި ގްރޭޑް ނުވައަކުން ދަށުގެ ކިޔެވުން ވަނީ ރޯދަ މަހަށް މެދުކަނޑާލައިފަ އެވެ.