ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އުދުވާންތައް ހިންގަމުން ދަނިކޮށް އިސްރާއީލަށް 225 މިލިޔަން ޑޮލަރުގެ އެހީ ދިނުމަށް އެމެރިކާގެ ކޮންގްރެސް އިން ފާސްކޮށްފި އެވެ.

އިސްރާއީލުގެ ދިފާއީ އައްޑަނަ (ރޮކެޓް ހުއްޓުވާ ނިޒާމު) އަޔަން ޑޯމް އިތުރަށް ވަރުގަދަ ކުރުމަށް އެގައުމަށް 225 މިލިޔަން ޑޮލަރު ދިނުމަށް އެމެރިކާގެ ކޮންގްރެސް އިން ފާސްކުރީ ހުކުރު ދުވަހު އެވެ. އެހީދޭން ފެނޭތޯ ނެގި ވޯޓްގައި ފެންނަ ކަމަށް 395 މެމްބަރުން ވޯޓް ދިން އިރު އެކަމާ ދެކޮޅަށް ވޯޓް ދިނީ އަށް މެމްބަރުން ކަމަށް އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުންޏެވެ.

އިސްރާއީލަށް އެހީދޭން ފާސްކުރި ބިލު މިހާރު ވަނީ ސޮއިކުރެއްވުމަށް ޓަކައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ފޮނުވައިފަ އެވެ.

އަޔަން ޑޯމް ވަރުގަދަކުރުމަށް މިހާ ގިނަ އަދަދެއްގެ ފައިސާދޭން އެމެރިކާއިން ނިންމާފައި މިވަނީ އިސްރާއީލަށް ހަތިޔާރު ފޮނުވިކަން އެމެރިކާ އިން ހާމަކުރިތާ ދެދުވަސް ފަހުންނެވެ.

އެމެރިކާގެ މިފަދަ ބޮޑު އެހީއާ އެކު އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ އުދުވާނުގައި ޝަހީދުވީ މީހުންގެ އަދަދު މިހާރު ވަނީ 1721 އަށް އަރައިފަ އެވެ. އަދި ޒަހަމްވީ މީހުންގެ އަދަދު ވަނީ 9100 އަށް އަރައިފަ އެވެ.