03 Aug 2014, 10:02
ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފް ކުރުމުގެ ގޮތުން އެ ބޭންކް އިން ތައާރަފް ކުރި އާ ކޯ ސިސްޓަމްގެ ހިދުމަތް ދޭން ފަށައިފި އެވެ.
ބީއެމްއެލް އިން އަލަށް ތައާރަފް ކޮށްފައިވާ ސިސްޓަމަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޯ ބޭންކިން ސިސްޓަމްއެއް ކަމަށްވާ "ޓެމިނޯސް ޓީ 24"ގެ ސިސްޓަމެކެވެ.
ބީއެމްއެލްގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ ބޭންކްގެ ހިދުމަތް މިއަދު ދޭން ފަށާފައިވާ އިރު ހިދުމަތްތައް ދެވިގެންދާނީ އާ ސިސްޓަމްގެ ދަށުން ކަމަށެވެ.
އެ ބޭންކްގެ މާކެޓިން މެނޭޖާ ރިއްފަތު މުހައްމަދު މީގެ ކުރިން ވިދާޅުވެފައި ވަނީ އާ ސިސްޓަމް ތައާރަފް ކުރުމާ އެކު އަލަށް އެކައުންޓް ހުޅުވުމަށް އެދޭތަނުން އެކައުންޓް ނަމްބަރު ވަގުތުން ލިބޭނެ ކަމަށެވެ. ނަމަވެސް އެ އެކައުންޓް ބޭނުން ކުރެވެން ފަށާނީ ފަސް ދުވަސް ފަހުން ކަމަށް ވިދާޅުވި އެވެ. އަދި އާ ސިސްޓަމާ އެކު ބީއެމްއެލުން ދޭ ފައިސާގެ ރަސީދަށް ބަދަލުތަކެއް އައުމުގެ އިތުރުން ޗެކް ޑިޕޮސިޓް ކުރުމަށް ފަސޭހަ ވެގެން ދާނެ ކަމަށް ރިއްފަތު ވިދާޅުވި އެވެ.
ބީއެންއެލްގެ އޮޕަރޭޝަން ޑައިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ ކޯ ބޭންކިން ބަދަލުކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި އެ ސިސްޓަމަށް ބަދަލުކުރާ ފުރަތަމަ ދުވަސްކޮޅުގައި ދަތިތަކަކާ ކުރިމަތިވާނެ ކަމަށެވެ.
"ސުޓާފުން އަލަށް ސިސްޓަމަކަށް ފައްޓައި ގަންނައިރު ކިތަންމެ ވަރަކަށް ޓުރެއިނިން ދީފައި ހުރި ކަމުގައި ވިޔަސް ދަތިތަކެއް ދިމާވާނެ. އާ ސިސްޓަމަށް އަހުލުވެރިވަން، އެހެންވެ ބައެއް ފަހަރު ހިދުމަތް ދިނުމުގައި ދަތިތަކެއް ބައެއް ފަހަރު ކުރިމަތިވާނެކަން ފާހަގަކޮށްލަން،" ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލުން އާ ސިސްޓަމެއް ތައާރަފް ކޮށްފައިވާ އިރު މީގެ ކުރިން އެ ބޭންކް އިން ބޭނުން ކުރަނީ 15 އަހަރު ވެފައިވާ ސިސްޓަމެކެވެ.