ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ ކަމަށް އިސްރާއީލުން ތުހުމަތު ކުރި ސިފައިންގެ މީހާ މަރުވެފައިވާ ކަމަށް އެގައުމުގެ ސިފައިން އެންމެ ފަހުން އެއްބަސްވެއްޖެ އެވެ.

އިސްރާއީލު ސިފައިން ބުނިކަމަށް އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުނީ ގެއްލިގެން އުޅުނު މީހާ އޭނާ ގެއްލުނު ދުވަހު ކުރި ހަނގުރާމައި މަރުވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ މަރުވީ ކޮން ބައެއްގެ ހަމަލާއެއްގައި ކިހިނެއް ކަމެއް އިސްރާއީލުން ނުބުނެ އެވެ.

އިސްރާއީލުން މިހެން ބުނެފައި ވަނީ ހާޑަރް ގޯލްޑިން ނަމަކަށް ކިޔާ އެމީހާ ހަމާސް އިން ރަހީނުކޮށްފައިވާ ކަމަށް ބުނެ، އޭނާ ހޯދުމުގެ ނަމުގައި އިއްޔެ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހުގައެވެ. ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) މެދުވެރިވެގެން 72 ގަޑިއިރަށް ހަމަލާތައް ހުއްޓާލަން ވީ އެއްބަސްވުން އިސްރާއީލުން އުވާލީ ވެސް، ހަމާސް އިން އޭނާ ރަހީނުކޮށް އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެފައެވެ.

ހަމާސް އިން އިއްޔެ ބުނީ އެމެރިކާއިން އެބުނާ އިސްރާއީލު މީހާ އެގައުމުގެ ސިފައިންގެ ހަމަލާއެއްގައި މަރުވެފައި ވެދާނެ ކަމަށެވެ.

" ...ރަފަހުގެ ކައިރިއަށް ފޮނުވި ޖާނުން ފިދާވާ މިޝަންއާ އަހަރެމެންނާ ގުޅުން ކެނޑުނު އެމީހުން ފޮނުވިތަނާ. އަދި އަހަރެމެން ގަބޫލުކުރަނީ އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި އެ އެންމެން ވެސް މަރުވީ ކަމަށް. އަދި އިސްރާއީލުން ގެއްލުނު ކަމަށް އެބުނާ ސިފައިންގެ މީހާ ވެސް އެހަމަލާގައި މަރުވީ ކަމަށް،" ހަމާސްގެ އިއްޒުއްދީނުލް ޤައްސާމް ބްރިގޭޑޫން ބުނި ކަމަށް އަލްޖަޒީރާ ބުންޏެވެ.

އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވީ މީހުންނާއި އެކު މިފަހަރުގެ ހަނގުރާމައިގައި މިހާތަނަށް ޝަހީދުވީ މީހުންގެ އަދަދު ވަނީ 1721 އަށް އަރާފައެވެ. އަދި ޒަހަމްވީ މީހުންގެ އަދަދު ވަނީ 9100 އަށް ވުރެ މަތިވެފައެވެ.