03 Aug 2014, 02:04
އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އުދުވާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ބާއްވާ ޓެލެތޯންގެ ސްޓޫޑިއޯ ސެޓް ސްޕޮންސަރު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހެލްޕް ގާޒާ ޓާސްކްފޯސް އޮފީހުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، "ހެލްޕް ގާޒާ" ޓެލެތޯންގެ ސްޓޫޑިއޯ ސެޓް ސްޕޮންސާ އަށާއި ޓެލެތޯން ޝޯވްގެ ޕްރެސެންޓަރުންގެ ޖާޒީ ސްޕޮންސާޝިޕަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އިއުލާނުގައި ބުނެފައި ވަނީ، އެކަމާ ގުޅޭ މައުލޫމާތު ދިނުން އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00 ގައި "ހެލްޕް ގާޒާ" ޓެލެތޯންގެ އޮފީސް، ދިވެހި ރާއްޖޭގެ އަޑު/ ރޭޑިއޯ ބިލްޑިންގައި އޮންނާނެ ކަމަށެވެ. އަދި ސްޕޮންސާޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރެއްވުމަށް ފަހު އަންނަ ބުދަ ދުވަހު ޕްރޮޕޯސަލްތައް ޓެލެތޯންގެ އޮފީހަށް ހުށަހެޅުއްވުމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، ސްޕޮންސާޝިޕާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 7773305 ނަންބަރަށް ގުޅުއްވުމަށް އިއުލާނުގައި އިލްތިމާސްކޮށްފައިވެ އެވެ.
ހެލްޕް ގާޒާ ޓެލެތޯން އިން ވަނީ، ޓެލެތޯންގެ ހަރަކާތައް ޚިދުމަތާއި ތަކެތީގެ ގޮތުން އެހީތެރިވެދިނުމަށް ބޭނުންވާ ފަރާތްތަކަށާއި ޓެލެތޯންގެ ލޯގޯ ޖަހައިގެން ޓީޝާޓާއި ބެޖާއި ސްޓިކާ ފަދަ ތަކެތި އަމިއްލަ ތަކެތީގައި އުފެއްދުމުގެ ފުރުސަތު ވެސް ވަނީ އާއްމުކޮށް ވަނީ ހުޅުވާލައިފަ އެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ އުދުވާނުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 1650 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނީ ޖުލައި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލަތަކުގައި މަރުވި މީހުންގެ އަދަދު 1650 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި ޒަޚަމްވި މީހުންގެ އަދަދު 8000 އަށް ވުރެ މަތިވެފައިވާ ކަމަށެވެ.