03 Aug 2014, 02:04
ދިރާގު ދިވެހި ލީގުގައި ބީޖީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅުނު މެޗުގައި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ހަސަން ސޮލާހު ކާމިޔާބުކޮށްދިން ލަނޑުން، ލީގުގެ ހަތް ވަނައިގައި އޮވެ އެ ޓީމުން ފުރަތަމަ ބުރު ނިންމާލައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ބީޖީ އަތުން އޭވައިއެލް މޮޅުވީ 1-0 ލަނޑުންނެވެ. މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނުކަން ފާހަގަކޮށްލެވެ އެވެ.
މެޗުގައި އޭވައިއެލްއިން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗު ފެށިތާ ހަތަރު މިނެޓް ފަހުންނެވެ. އޭވައިއެލްއަށް ސޮލާހު އެ ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން އަހުސަންގެ ހުރަހަކުން އޭނާގެ ބޮލުން ޖަހަ އެވެ.
މެޗުގެ 29 ވަނަ މިނެޓްގައި ބީޖީގެ ބިދޭސީ ކުޅުންތެރިޔާ އަޓަޕާ ކަޒީމް އަޑެއޮލޫއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ކަޒީމް ފޮނުވާލި އެ ހަމަލާ ދިޔައީ އޭވައިއެލްގެ އަރިމަތި ދަނޑި ކައިރިން ބޭރަށެވެ. އޭގެ ތިން މިނެޓް ފަހުން އަހްމަދު އަޝްފާނަށް ވެސް ބީޖީއަށް ނަތީޖާ ހަމަހަމަކޮށްދިނުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ހިލޭ ޖެހުމަކުން އަޝްފާނު ފޮނުވާލި އެ ހަމަލާގެ ހުރަހަކަށްވީ އޭވައިއެލްގެ ގޯލްކީޕަރެވެ.
މެޗުގެ 35 ވަނަ މިނެޓްގައި ބީޖީއަށް ލަނޑެއް ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. އޭވައިއެލްގެ ކީޕަރު ބީޖީގެ ނާވީ މުހައްމަދަށް ކުރި ފައުލާއި ގުޅިގެން ލިބުނު ޕެނަލްޓީ ވެސް ބީޖީއަށް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. ބީޖީގެ ކަޒީމް ފޮނުވާލި އެ ޕެނަލްޓީ އަމާޒުވީ އޭވައިއެލްގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ބީޖީއަށް ގިނަ ފުރުސަތުތަކެއް ވަނީ ލިބިފަ އެވެ. ނަމަވެސް މެޗުގެ ނަތީޖާ ބީޖީއަށް ހަމަހަމަނުކުރެވި، މެޗު ނިމިގެންދިޔައީ 1-0 ލަނޑުން އޭވައިއެލް މޮޅުވެގެންނެވެ.
ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، ހަ މެޗުން ލިބުނު 18 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ކުޅުނު ހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ދެވަނައިގައި އޮތީ މާޒިޔާ އެވެ. ހަތް މެޗުން ލިބުނު 15 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ އީގަލްސް އެވެ. ހަތް މެޗު ކުޅެ ލިބުނު ދިހަ ޕޮއިންޓާއެކު ހަތަރު ވަނައިގައި ވިކްޓަރީ އޮތް އިރު، ހަތް މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ މަހިބަދޫ އެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް ހަތް މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ހަތް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ލީގުގެ ހަތްވަނައިގައި އޭވައިއެލް އޮތް އިރު، އެންމެ ފުލުގައި އޮތް ބީޖީއަށް ހަތް މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.
ލީގުގައި މާދަމާ ކުޅޭނީ ފުރަތަމަ ބުރުގެ އެންމެ ފަހު މެޗެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ރޭ 9:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.