"އެސްޓީއޯ ނޫފަހި"ގެ ނަމުގައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން އަލަށް ބާޒާރަށް ނެރުނު ރާއްޖޭގެ އުފެއްދުމުގެ ބްރޭންޑް އެމްބެސެޑަރަކަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖައްސައިފި އެވެ.

ނޫފަހި ބްރޭންޑް އެމްބެސެޑަރަކަށް ދަގަނޑޭ ހަމަޖެއްސުމުގެ ގޮތުން މިރޭ އެސްޓީއޯ ސުޕާމާޓްގައި ބޭއްވި ހަފްލާއެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ އެމްބެސެޑަރަކަށް ދަގަނޑޭ ހަމަޖެއްސީ ނޫފަހި ބްރޭންޑް މާކެޓް ކުރުމަށް ދިވެހިރާއްޖޭގެ ބަތަލެއް ބޭނުން ކުރުމުގެ ވިސްނުމެއް އެ ކުންފުނިން ގެންގުޅުއްވާތީ ކަމަށެވެ.

"ދިވެހިރާއްޖޭގެ ބަތަލެއް މިކަން ކޮށްފިއްޔާ މިއީ ވަރަށް ބޮޑު އެންޑޯސްމަންޓެއް،" އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވި އެވެ. "އެސްޓީއޯއިން މާކެޓްކޮށް ޕްރޮމޯޓްކުރާ މި ޕްރޮޑަކްޓަކީ ކޮލިޓީ ޕްރޮޑަކްޓެއް ކަމަށާއި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފައިދާތަކެއް ވާނެ ޕްރޮޑަކްޓެއް ކަމަށާއި ހުރިހާ ގޮތަކުން ވެސް މި ޕްރޮޑަކްޓަކީ ރަނގަޅު ޕްރޮޑަކްޓެއް ކަމުގެ ޔަގީންކަން އަރުވަން. އަލީ އަޝްފާގަކީ ދިވެހި އުފެއްދުމެއް،"

ނޫފަހި ބްރޭންޑް އެމްބެސެޑަރަކަށް އަލީ އަޝްފާގު (ވ) ހަމަޖެއްސުމުގެ ގޮތުން މިރޭ އެސްޓީއޯ ސުޕާމާޓްގައި ބޭއްވި ހަފްލާގައި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމް (ކ) ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އާޒިމް ވިދާޅުވީ، އަލީ އަޝްފާގަކީ ކޮންމެ މީހެއްގެ ހިތުގައި ލޯބި އުފެދިފައިވާ ދިވެހި އުފެއްދުމެއް ކަމަށާއި އެސްޓީއޯ އިން ކުރިއަށްގެންދާ އުފެއްދުން ޕްރޮމޯޓް ކުރުމަށް އަލީ އަޝްފާގު ލިބުނުކަމީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އުފެއްދުންތަކަށް ދިވެހިން ލޯބިކުރާ ފަދައިން އެސްޓީއޯއިން މާކެޓް ކުރަމުންދާ ނޫފަހި އުފެއްދުމަށް ވެސް އެ ލޯބި ލިބެމުންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އެސްޓީއޯއާއެކު ދަގަނޑޭ ސޮއިކުރި ދެ އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން އޭނާ 8 ޕޯސްޓަރު އިޝްތިހާރާއި 4 ޓީވީ އިޝްތިހާރު ހަދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯ ނޫފަހި ބްރޭންޑްގައި ޖުމްލަ ފަސް ބާވަތެއްގެ އުފެއްދުންތައް ހިމެނެ އެވެ. އެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ކައްކާތެޔޮ، ހިކިކިރު، ކާށި ކިރު އަދި ދޮންނަ ކުނޑި އެވެ.