03 Aug 2014, 01:35
ކުރިއަށް އޮތްތަނުގައި އެމްވީކޭ މޯލްޑިވްސްއަށް ބަހުގެ ޚިދުމަތް ދެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
"ސަން" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ސާޖިދު ވިދާޅުވީ އެމްވީކޭ އިން މާލޭ ސިޓީގައި ދެމުން އަންނަ ބަހުގެ ޚިދުމަތް މިހާރު ހުއްޓިފައިވާ ކަމަށާއި އެކަމުގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.
"މާލޭ ސިޓީގެ ބަހުގެ ޚިދުމަތް ދެމުން އަންނަ އެމްވީކޭ މޯލްޑިވްސް އަށް ބަހުގެ ޚިދުމަތް ނުދެވޭ ކަމުގެ ޝަކުވާ ކައުންސިލަށް ދަނީ ލިބެމުން. އަދި މިހާރު ބަހުގެ ޚިދުމަތް އެކޮށް ކަހަލަ ގޮތަކަށް ވަނީ ހުއްޓުމަކަށް އައިސްފައި. އަދި އެކަމުގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ދަނީ ލިބެމުން،" ސާޖިދު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ޓްރާންސްޕޯޓް ކޮމެޓީގައި ވެސް ހިމެނިވަޑައިގަންނަވާ ކައުންސިލަރު ސާޖިދު ވިދާޅުވީ އެމްވީކޭ އިން ބަހުގެ ޚިދުމަތް ނުދޭ މައްސަލައާ ގުޅޭގޮތުން އެކިފަހަރު މަތިން ކައުންސިލްގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސާޖިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާންމުންގެ ޝަކުވާތައް ލިބެމުންދާތީ އެމްވީކޭގެ އިސްވެރިން މާލޭ ސިޓީ ކައުންސިލް އިދާރާ އަށް ހާޒިރުކޮށް ސުވާލުކޮށްފައިވާނެ ކަމަށެވެ. އެ ސުވާލުތަކުގެ ޖަވާބުގައި، އެއްބަސްވުމުގައިވާ ގޮތަށް އެކުންފުންޏަށް ދޭންޖެހޭ ބިންތައް ކައުންސިލުން ދީފައި ނުވާތީ ބަހުގެ ޚިދުމަތް ދިނުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އެމްވީކޭގެ އިސްވެރިން ވިދާޅުވެފައިވާ ކަމަށް ސާޖިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކައުންސިލްގެ ފަރާތުން އެމްވީކޭގެ އިސްވެރިން ކައުންސިލް އިދާރާ އަށް ހާޒިރުކޮށް ބަހުގެ ޚިދުމަތް ނުދެވޭ ސަބަބާ ބެހޭ ގޮތުން ސަވާލު ކުރިން. ދެން އެބޭފުޅުން ވިދާޅުވީ ކައުންސިލާ އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ކަންތައްތައް ފުރިހަމަވެފައި ނުވާތީ ބަހުގެ ޚިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް. އެގޮތުން ވިދާޅުވީ ކުންފުންޏާ ހަވާލު ކުރަން ޖެހޭ ބިމެއްގެ ވާހަކަ. ދެން އެއްބަސް ވުމަށް ބަދަލުތަކެއް ގެންނަން ބޭނުންވާ ކަމުގެ ވާހަކަ ވެސް ވަނީ ވިދާޅުވެފައި،" ސާޖިދު ވިދާޅުވި އެވެ.
އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެމްވީކޭ އަށް ދޭން ޖެހޭ ބިން ސިޓީ ކައުންސިލްގެ ފަރާތުން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި އެއްބަސްވުމުގެ ދަށުން ސިޓީ ކައުންސިލުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ވާނީ ފުރިހަމަކޮށްފައި ކަމަށް ސާޖިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެމްވީކޭގެ ފަރާތުން މާލޭގައި ދުއްވާ ބަސްތައް ޓްރާންސްޕޯޓް އޮތޯރިޓީގެ ގަވާއިދަށް ނުފެތޭ ކަމުގެ ޝަކުވާތަކެއް ސިޓީ ކައުންސިލަށް ވަނީ ލިބިފަ އެވެ. އަދި އެކަމުގެ ސަބަބުން އެ ބަސްތައް ދުއްވާ ޑްރައިވަރުންގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ވެސް ސާޖިދު ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ އެމްވީކޭގެ ފަރާތުން މާލޭގައި ދުއްވާ ބަސްތައް ޓްރާންސްޕޯޓު އޮތޯރިޓީގެ ގަވާއިދަށް ނުފެތޭ ކަމުގެ ޝަކުވާތަކެއް އެ އޮތޯރިޓީއަށް ވެސް ލިބިފައިވާ ކަމަށެވެ.
އޭގެއިތުރުން ބަހުގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ދެމުންނުދާ ކަމުގެ ޝަކުވާތައް ވެސް އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށާއި އެފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަކީ ސިޓީ ކައުންސިލްގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްވީކޭގެ ފަރާތުން މާލޭގައި ދެމުން އަންނަ ބަހުގެ ޚިދުމަތަކީ ޓްރާންސްޕޯޓު އޮތޯރިޓީއާ އެއްވެސް ގުޅުމެއް ހުރި ޚިދުމަތެއް ނޫން. އެއީ މާލޭ ސިޓީ ކައުންސިލްގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް. އެހެންކަމުން ކަނޑައެޅިފައިވާ އުސޫލުގެ މަތިން ބަހުގެ ޚިދުމަތް ނުދޭކަމުގައިވާނަމަ އެކަމާ މެދު ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވަނީ މާލޭ ސިޓީ ކައުންސިލަށް،" ނާފިޒު ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން މިއަދު ހެނދުނުން ފެށިގެން ތަކުރާރުކޮށް އެމްވީކޭ މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝަފީގު (އެމްވީކޭ ޝަފީގު) އަށް ގުޅައި އެސްއެމްއެސް ކުރުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި އެކުންފުނީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.