ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަރިހަށް ފޮނުވާފައިވާ "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލް" މިހާރު އޮތްގޮތަށް ތަސްދީގު ނުކުރައްވާ އިސްލާހު ކުރަން އަނބުރާ މަޖިލީހަށް ފޮނުވައިލެއްވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ރައީސުލް ޖުމްހޫރިއްޔާ އަށް ލަފައެއް އަރުވައިފި އެވެ.

ސިޓީއެއް މެދުވެރި ކޮށް ރައީސް މުހައްމަދު ނަޝީދަށް އެޗްއާރްސީއެމުން އެރުވި ލަފާގައި ބުނަނީ ގާނޫނު އަސާސީ އާއި ބައެއް ގާނޫނުތަކާއި ފުށުއަރާ މާއްދާތަކެއް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލް" އެބަހުރި ކަމަށެވެ.
އަދި ބުނެފައި ވަނީ އެބިލް މިހާރު އޮތްގޮތަށް ތަސްދީގު ކުރައްވައިފި ނަމަ އެތައްބަޔެއްގެ އަދި މުއައްސަސާތަކެއްގެ ގިނަ ހައްގުތަކާއި މިނިވަންކަމަށް އަސަރުފޯރާނެ ކަމަށް އެ ކޮމިޝަނަށް ފާހަގަ ކުރެވޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލާ ގުޅުންހުރި އިންސާނީ ހައްގުތަކާބެހޭ ބިލުގެ މައްސަލަތައް ފާހަގަކޮށް މިކަންކަމާމެދު ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރާކޮށް، މިކަންކަން އިސްލާހުކުރުމަށް އެޗްއާރްސީއެމްއިން ބާރުއަޅާ ކަމަށެވެ.