02 Aug 2014, 23:37
މިއަދު ހެނދުނު ހެންވޭރު އަޑިޕާކް ސަރަހައްދުގައި ވަޅިން ހަމަލާދިނުމުން ޒަޚަމްވި ޒުވާނާ އަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓްލްގައި ފަރުވާދެމުން ދަނިކޮށް މިރޭ މަރުވެއްޖެ އެވެ.
ހަށިގަނޑުގެ 11 ތަނަކަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ ނ. މިލަދޫ، ދިއްގާމާގޭ އުމުރުން 20 އަހަރުގެ އަހްމަދު މާޒިން އެވެ.

މިއަދު ވަޅިހެރުމުން ލިބުނި ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި މާޒިން
މާޒިންގެ ބުރަކައްޓަށް ވަޅިން ހަމަލާދިނުމުން އެންމެ ފުރަތަމަ އޭނާ ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލަށެވެ. ނަމަވެސް އޭޑީކޭގައި މާޒިން ބެލި ޑޮކްޓަރު އޭނާ ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދު ކަނޑާލުމުން ދެން އޭނާ ގެންދިޔައީ އައިޖީއެމްއެޗަށެވެ.
މާޒިންގެ ގަޔަށް ވަޅިހެރީ އޭނާ މާލޭގައި ދިރިއުޅޭ ގޭގެ އިތުރު މީހަކާ އެކު އަޑިޕާކުގައި ހުއްޓައެވެ. އެ ހާދިސާގައި ހ. ޝައިބާން އަލީ އާރިފުގެ ކަނާތު އަރިކައްޓަށް ވަނީ ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފަ އެވެ. އޭނާގެ ސިއްހީ ހާލަތާ ބެހޭ މައުލޫމާތު އަދި ލިބިފައެއް ނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާޒިން މަރާލި މައްސަލަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން އަދި ނުވާކަން ވެސް މީޑިއާ އޮފިޝަލް ވިދާޅެއް ނުވެއެވެ.